ކަރަންޓީނަށް ދާން ދެކޮޅު ހެދި ބިދޭސީއަކަށް ކޯޓު އަމުރެއް ނެރެފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ކަރަންޓީނަށް ދާން ދެކޮޅު ހެދި ބިދޭސީއަކު ކޯޓު އަމުރެއްގެ ދަށުން ކަރަންޓީނަށް ގެންގޮސްފިއެވެ. އެމީހާއަކީ އޮސްޓްރިއާ ރައްޔިތެކެވެ.

ސިވިލް ކޯޓުން ބުނީ ކަރަންޓީނަށް ދިއުމަށް ދެކޮޅު ހެދި މީހެއްގެ މައްޗަށް ކަރަންޓީނަށް ދިއުމަށް އެންގުމާއި އެކު އެމީހާ ކަރަންޓީން ފެސިލިޓީއެއްގައި ބަންދު ކުރުމަށް އެކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށާއި ފުލުހުންގެ މައްޗަށް ރޭ ނެރެފައިވާ ކަމަށެވެ.

މިއީ މިފަދައިން އަލަށް ނެރުނު އަމުރެއް ނޫނެވެ. މީގެ ދެ ދުވަސްވަރު ކުރިންވެސް ވަނީ ތިން މީހެއްގެ މައްޗަށް މިފަދަ އަމުރެއް ނެރެފައެވެ.

ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލި މީހުން ކަރަންޓީން ކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން އެ މީހުންނަށް އަންގާ އެންގުންތަކަށް ތަބާނުވާ ނަމަ، އެކަން ކުރުމުގެ ކޯޓު އަމުރު ނެރުމުގެ އުސޫލު ސިވިލް ކޯޓުން އާއްމު ކުރީ މިދިޔަ މަހުގެ 12ވަނަ ދުވަހުއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން، ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން އެންގިދާނެ އެވެ. އޭގެ ތެރޭގައި ކަރަންޓީން ކުރުން ވެސް ހިމެނެއެވެ. އަދި އެކަމަށް އެ މީހަކު ދެކޮޅު ހަދާ ނަމަ، އެކަން ތަންފީޒު ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ވެސް އެ ގާނޫނުގައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.