ހުޅުމާލޭގައި ގާއިމްކުރާ މެޑިކަލް ފެސިލިޓީ ނިންމުމުގެ މަސައްކަތުގައި ޗައިނާގެ ބީޔޫސީޖީގެ މުވައްޒަފުން!

ބީޔޫސީޖީގެ މުވައްޒަފުން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ނިންމުމަށް އެހީވަނީ: ފޮޓޯ / ޓްވީޓާ

ހުޅުމާޅޭގައި ގާއިމް ކުރުމަށް ނިންމާފައިވާ 300 އެނދުގެ މެޑިކަލް ފެސިލިޓީ ނިންމުމަށް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ މުވައްޒަފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާންގް ލިޒޯންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ގާއިމްކުރާ 300 އެނދުގެ މެޑިކަލް ފެސިލިޓީ ނިންމުމުގެ މަސައްކަތުގައި އެހީތެރިވުމަށް ބީޔޫސީޖީގެ 40 މުވައްޒަފުން އެ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ހުޅުމާލޭގައި މެޑިކަލް ފެސިލިޓީއެއް ހެދުމަށްޓަކައި 36 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 16.4 މިލިއަން ރުފިޔާއަކީ އެތަނުގެ ސިވިލް މަސައްކަތް ކުރުމަށް ކަމަށާއި އަދި އެތަނަށް ބޭނުންވާ ތަކެތި ގަތުމަށް 19.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް 5.9 މިލިއަން ހަރަދު ކުރިފަހުން 1.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

އެތަން ތަރައްގީ ކުރަމުން އަންނަނީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލު ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ. އެތަން ތަރައްގީ ކުރަނީ ސާވިސް ބިލްޑިން އަދި އެކަމޮޑޭޝަން ބްލޮކެއް ވެސް ހިމެނޭ ގޮތަށެވެ.

ސާވިސް ބިލްޑިންގެ ބޭނުމަކީ ލޯންޑަރީއާ ވޭސްޓު މެނޭޖުމަންޓޫ އަދި ބަދިގެއެއްގެ ހިދުމަތްތައް ދިނުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެކޮމަޑޭޝަން ބްލޮކްގެ ބޭނުމަކީ އެތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި އަދި ނަރުހުން ބެހެއްޓުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *