ކުރިއަށް އޮތްތާނގައި ރަށްރަށަށް ކޮވިޑް19 ފެތުރުމުގެ ފުރުސަތު އެބައޮތް: ޑރ. އަފްޒަލް

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ބައިވެރިވެވަޑައިގަންނަވަނީ --

ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ރަށްތަކަށް ވެސް ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު އިއުލާން ކޮށްފައިވާ ލޮކްޑައުން ނެގޭނީ މިހާރު ފެންނަ ކޭސްތައް ކޮންމެވެސް ވަރަކަށް ހައްލުވެގެން ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުން ހުޅުވާ ލެވޭނީ ކުރިޔަށް އޮތް ތަނުގައި ރާއްޖޭގައި ކޮވިޑް19 ފެތުރޭނެ ގޮތްތައް ބެލުމަށްފަހު ކަމަށެވެ.

"އަދިވެސް ހެލިފެލިވެ އުޅޭ ބޮޑަށް އިންޓްރެކްޓު ވާ ކަހަލަ ގްރޫޕެއްގެ ތެރޭގައި ކޭސްތައް ފެންނާތީވެ އިތުރަށް ސްޕްރެޑު [ފެތުރުމުގެ] ފުރުސަތު އޮންނާނެ. އެހެންނަމަވެސް ގޭތެރޭގައި ތިއްބެވި ބޭފުޅުންގެ މެދުގައި މި ކޭސްތައް ފެންނަލެއް ހަގީގަތުގައިވެސް މަދު. އެހެންވީމަ ލޮކްޑައުންއެއް ލިފްޓު ކުރެވޭ ހިސާބަށް ދެވޭނީ ބެކްލޮގުގައި މިހުރި ހުރިހާ ކޭސްތަކެއް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވުނީމަ، ކޮންމެވެސް ވަރަކަށް މި ތިރިވާން ފެށީމަ. އެހާ ހިސާބުން އަޅުގަނޑުމެން ވިސްނާނަން ލޮކްޑައުން ހުޅުވާފައި ދެން ކަންތައް ބަހައްޓާނެ ގޮތަކާއި މެދުގައި. އެހެންނަމަވެސް މިވަގުތު އަދި ލޮކްޑައުން ހުޅުވޭކަށް ނެތް، އެއީ ކުރިޔަށް އޮތްތަނުގައި އަދި ރަށްތަކަށް މި ސްޕްރެޑު ވުމުގެ ފުރުސަތު އެބައޮތް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކުރިޔަށް އޮތް ތަނުގައި ކޮވިޑް19 ރަށްރަށަށް ވެސް ފެތުރުން އެކަށީގެންވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއިރު ރާއްޖޭގެ މާލެ ފިޔަވާ ދެ ރަށަކުން މިހާރުވެސް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުން ވަނީ ފެނިފައެވެ. އެއީ ހއ. އުލިގަމާއި ށ. ނަރުދޫ އިންނެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިރެއާއި ހަމައަށް ވަނީ 214 އަށް އަރާފައެވެ. މިއަދަކީ މިހާތަނަށް ރާއްޖެއިން މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު އެކަނިވެސް 73 މީހުން ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.