ކޮވިޑް19: 25 އޭޕްރީލް އާއި ހަމައަށް 560 މިލިއަން ހަރަދުކޮށްފި

ކަރަންޓީން ފެސިލިޓީއެއް---

ރާއްޖޭގައި ކޮވިޑް19 އާއި ގުޅޭ ކަންކަމަށް މި މަހުގެ 25ވަނަ ދުވަހާއި ހަމައަށް 560 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޗަން ސެންޓަރުން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މިހާތަނަށް 560 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށެވެ. އެއީ މި މަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް ހޭދަ ކުރެވުނު އަދަދު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ ތެރެއިން 84 މިލިއަން ރުފިޔާ އަކީ ނެޝެނަލް ޑިޒާސްޓާ އޮތޯރިޓީގެ ޓްރަސްޓް ފަންޑަށް ސަރުކާރުން ލާފައިވާ ފައިސާ ކަމަށާއި އެ ފައިސާގެ ތެރެއިން ބޭނުން ކޮށްފައިވަނީ 10 މަހަށް ވާވަރަށް ކާޑުގެ ބާވަތްތައް ގަންނަން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ފައިސާ ހޭދަކުރީ އެސްޓީއޯއިން ކަމަށާއި ނަމަވެސް އެ ކުންފުނިން އެ ފައިސާ ބޭނުން ކުރީ ކާޑު ވިއްކުމަށް ފަހު އެ ފައިސާ އަނބުރާ ދޭ ގޮތަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ ތެރެއިން 11 މިލިއަން ރުފިޔާ އަކީ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ފައިސާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހެލްތު މިނިސްޓްރީ އާއި އެންޑީއެމްއޭގެ ބަޖެޓުން ވަނީ 386 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެއީ މި އޮރަޕޭޝަނާއި ޕީޕީއީ އާއި މެޑިކަލް އިކުއިޕްމަންޓް ކަހަލަ ސާމަނަށް ކުރި ހަރަދާއި އެހެނިހެން ހަރަދުތައް ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ކަރަންޓީން ފެސިލިޓީއެއް ހެދިޔަސް ނުހެދިޔަސް ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމަށް ހަރަދު ކުރަންޖެހޭ ފައިސާ ހަމަ އެގޮތަށް ހޭދަ ކޮށްފައިވާ ފައިސާމި،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ހުޅުމާލޭގައި މެޑިކަލް ފެސިލިޓީއެއް ހެދުމަށްޓަކައި 36 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 16.4 މިލިއަން ރުފިޔާއަކީ އެތަނުގެ ސިވިލް މަސައްކަތް ކުރުމަށް ކަމަށާއި އަދި އެތަނަށް ބޭނުންވާ ތަކެތި ގަތުމަށް 19.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް 5.9 މިލިއަން ހަރަދު ކުރިފަހުން 1.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސޮލޭޝަން ފެސިލިޓީތަކާއި އެތަންތަނަށް ބޭނުންވާ އައިސީޔޫ އެނދުތައް ހޯދުމަށް 27 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެއިތުރުން ކޮވިޑް19 ގެ ކަންކަމަށް ހޭދަ ކޮށްފައިވާ 560 މިލިއަން ރުފިޔާގެ ތެރޭގައި ފޮރިން މިނިސްޓްރީން ހަރަދު ކޮށްފައިވާ 6.3 މިލިއަން ރުފިޔާ ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނާއި އަދި ބޭރުގެ ގައުމުތަކުގައި ތިބި މެޑިކަލް ކިޔަވާ ދަރިވަރުން ގެނައުމަށް ހޭދަކުރި ފައިސާތަކެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި މަހުގެ 25ވަނަ ދުވަހާއި އަށް 560 މިލިއަން ހަރަދު ކޮށްފައިވާއިރު މިހާރު މިއޮތް ހާލަތު އިތުރަށް ކުރިޔަށްދާ ކަމަށްވާނަމަ ކުރިޔަށް ތިން މަސް ދުވަހަށް 1.4 ބިލިއަން ރުފިޔާ ދައުލަތުން ހޭދަ ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.