ރިޔާޒަށް މާލެ އެރުން، މަބްރޫކްއާ ފުލުހުންގެ ވާހަކަތައް ދިމަލެއްނުވޭ!

އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަަޒީޒު (ކ) އަދި އޭސީޕީ ނަވީން (ވ) --

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް މީހުން އަރާ ފޭބުން މަނާ ކޮށްފައި ވަނިކޮށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިއަދު ތ. ތިމަރަފުށީގައި ހުންނެވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވުނު ގޮތާއި ގުޅޭ ގޮތުން ވާހަކަތައް މުޅިން ތަފާވެއްޖެއެވެ.

ރިޔާޒު ވިދާޅުވާ ގޮތުގައި އޭނާއާ މާލެއަށް އެރުނީ ފުލުހުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލިޔުން ލިބުމުން ކަމަށެވެ. އެކަމާއި ގުޅިގެން މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން، އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާކޮށް މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި މާލެއަށް އައުމަށް ނުވަތަ މާލެއިން ފުރުމަށް ހުއްދަ ދެވޭނީ އެޗްޕީއޭއަށް ކަމަށެވެ.

"މާލެ އައުމަށްޓަކައި ހުއްދަ، ފުލުހުން ދެމުން މި ގެންދަނީ، އެޗްޕީއޭ އިން އެ ބޭފުޅަކަށް ހުއްދަ ދެއްވީމަ. އެޗްޕީއޭގެ އީއޯސީ ލީގަލް އަށް ލިޔުއްވީމަ އެ ބޭފުޅުން ހުއްދަ ދެއްވީމަ އަޅުގަނޑުމެންނަށް ހުއްދަ ދެވިގެން މި ދަނީ،" ނަވީން ވިދާޅުވިއެވެ.

ރިޔާޒު ހުންނެވީ ތ. ތިމަރަފުށީގައެވެ. ނަމަވެސް އޭނާ މިއަދު ވަނީ މާލެ ވަޑައިގެންފައެވެ. ރިޔާޒަށް މާލެއަށް އާދެވުމުން ގިނަބަޔަކު އެކަމާއި އަންނަނީ ފާޑު ކިޔަމުންނެވެ. އެކަމާއި ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ އެކަމުގައި ހުއްދަ ދީފައިވަނީ ފުލުހުން ކަމަށެވެ. އަދި އެޗްޕީއޭގެ އީއޯސީ ލީގަލް ޓީމުގެ ހުއްދަ އެކަމުގައި ދީފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް އާ ފުލުހުންގެ ބަސް މުޅިން ތަފާތުވުމުން ބައެއް މީހުން މިކަމާއި ވެސް އަންނަނީ މިހާރު ފާޑު ކިޔަމުންނެވެ. އަދި މިތަނުން ގަބޫލުކުރަންވީ ކޮން ބަޔަކު ދައްކާ ވާހަކައެއްތޯ ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މާލެއިން މި މަހުގެ 15ވަނަ ދުވަހު ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ދުވަހުގެ މެންދުރު 15:00 އިން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *