މާލެ އައުމުގެ ހުއްދަ ރިޔާޒަށް ދިނުމުން ފާޑުކިޔުންތައް އަމާޒުވާން ފަށައިފި

ރިޔާޒު މާލެއައުމަށް ލޯންޗުގައި --

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް މީހުން އަރާ ފޭބުން މަނާ ކޮށްފައި ވަނިކޮށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިއަދު ތ. ތިމަރަފުށީގައި ހުންނެވުމަށްފަހު މާލެ ވަޑައިގަތުމުން އެކަމާއި ފާޑު ކިޔަން ފަށައިފިއެވެ.

ރިޔާޒު ވަނީ މާލެއަށް އައުމުގެ ދަތުރުމަތީގައި އިންނަވާ ފޮޓޯއެއް ނަންގަވާފައެވެ. އެ ފޮޓޯއާއި އެކު އޭނާ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މިއަދުގެ ހިތްގައިމު ފަތިހު ވަގުތުގައި ރަށުން [ތ. ތިމަރަފުށި] ފުރައިގެން އިރުމެދު ނުޖެހެނިސް މާލެ އާދެވިއްޖެ ކަމަށެވެ. ތިމަރަފުށީގަ ހޭދަކުރި 15 ދުވަހު އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެންނަށް ޝުކުރު ދަންނަވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު މާލެއަށް ވަޑައިގެންނެވިއިރު މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ ކަމަށާއި ރިޔާޒަށް މާލެ އެރުނީ ކިހިނެއްތޯ ގިނަބަޔަކު އަންނަނީ ސުވާލު ކުރައްވަމުންނެވެ. އެގޮތުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަނީ މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް ރަށަށް ގޮސް އައި ހެދޭތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވާ ރިޔާޒު ވިދާޅުވީ މާލެއަށް ވަޑައިގަތީ ހެލްތު ޕްރޮޓެކްޝން އެޖެންސީ އަދި ފުލުހުންގެ ހުއްދަ ލިޔުމުން ލިބުމުން ކަމަށެވެ.

https://twitter.com/atta22/status/1254377983223255042?s=20

ބައެއް އާއްމުން ބުނަމުން ދަނީ މާލެއަށް ދިއުމަށް ކިތަންމެހާ ވެސް ގިނަ ބަޔަކު ބޭނުންވެފައިވާ ކަމަށެވެ. ނަމަވެސް މާލެ ލޮކްޑައުން ކޮށްފައި އޮތުމުން މާލެއަށް ނުދެވިފައިވާ ކަމަށެވެ. އަދި ރިޔާޒަކީ މަޖިލިސް މެންބަރަކަށް ވުމުގެ ކުރިން ދިވެހި ރައްޔިތެއް ކަމަށާއި އެހެން މީހުންނަކީ ވެސް ދިވެހި ރައްޔިތުން ކަމަށެވެ.

މިއަދު މެންދުރުފަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ އެއްވެސް ރަށެއްގައި ހުންނަ މީހަކު މާލެއަށް އައުމަށް ފުލުހުން ހުއްދަ ދޭނީ އެޗްޕީއޭ އިން އެކަމަށް ހުއްދަ ދިނުމުން ކަމަށެވެ.

މާލެއިން މި މަހުގެ 15ވަނަ ދުވަހު ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ދުވަހުގެ މެންދުރު 15:00 އިން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކީއްވެތަ އަޅުގަނޑު ދަރިޔަށް ހުއްދަ ނުލިބުނީ ނިކަމެތި ވީމާ ދޯ

ހިޔާލު ދެއްވާ!

Your email address will not be published.