ރާއްޖެއިން އިތުރު 11 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 9 މީހަކާއި އިންޑިއާ އަށް ނިސްބަތްވާ އެކަކާއި އަދި ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއާއި އެކު މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 188 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
✳️ #COVID19 Latest Update:
An additional 11 cases (MAV0178 to MAV0188) of 9 Bangladeshis, 1 Indian, 1 Maldivian have been confirmed.
The individuals will be moved to an Isolation Facility. #StayHome #StaySafe
— Health Protection Agency (@HPA_MV) April 26, 2020
މިއަދު އެކަނިވެސް ކޮވިޑް19 އަށް 47 މީހަކު މިވަނީ ރާއްޖެއިން ޕޮޒިޓިވްވެފައެވެ. މި ކޭސްތަކަކީ މީގެކުރިން މި ބައްޔަށް ޕޮޒިޓިވްވި ކޭސްތަކާއި ގުޅުންހުރި ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.
މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.
މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާވެސް ކޮށްފައެވެ.