ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން -- ފޮޓީޯ / މަޖިލިސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ރާއްޖޭގައި ބާއްވާނެ ފަދަ ހާލަތެއް ނެތުމުން އެ އިންތިހާބު ފަސްކުރުމާއި ގުޅޭ ގޮތުން އެކުލަވާލި “ހާއްސަ” ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު ބަލައިގެންފައި ވަނީ 61 މެންބަރުންގެ ވޯޓުންނެވެ.

މީގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް މިމަހުގެ 12ވަނަ ދުވަހު އިލެކްޝަނުން ނިންމީ އަންނަ މަހުގެ 18ވަނަ ދުވަހު އެ އިންތިހާބު ބޭއްވުމަށެވެ. ފަހުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސް ކުރުމަށް އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް ނިންމިއެވެ. ފަހުން އެ މައްސަލަ ހައިކޯޓުން ނަގާ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުން ވެސް ނެގިއެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ނަގާފައި ވަނީ މި މައްސަލައަށް އަވަސް ޙައްލެ ރައްޔިތުންގެ މަޖިލީހުން ގެނެސްދޭނެ ކަމަށް މަޖިލީހުން ބުނުމުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020،އަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން 18 އޭޕްރީލް 2020ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެވުނީއެވެ. އެ އިންތިޚާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިޚާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ.

ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިޚާބުވެފައިވާ ކެންޑިޑޭޓުން މަޤާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިޚާބު ބޭއްވުމަށްފަހު، އަލަށް އިންތިޚާބުވާ މެމްބަރުންނާއެކުގައެވެ.

ބިލަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާޠިލުވާނެއެވެ. ސަސްޕެންޝަން ބާޠިލުވުމާ އެކު އެ މީހުން ކުރިން ތިބި މަޤާމަށް އަނބުރާ ރުޖޫޢަވާނެއެވެ. ނަމަވެސް އެ މީހުން ސިވިލް ސަރވިސްގެ ވަޒީފާއަށް ރުޖޫޢަވާ ހިސާބުން ފެށިގެން، އަލުން ސަސްޕެންޑްކުރެވެންދެން، އިންތިޚާބާ ގުޅޭ ގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެންނުވާނެއެވެ.

ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021ގެ ނިޔަލަށް ބާއްވައި ނިންމަންވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *