ސިޔާސީ މަގާމުތަކާއި ފަނޑިޔާރުންގެ މުސާރަތައް 20،000 ރުފިޔާއަށް ކުޑަކުރަން ގޮވާލައިފި

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންގެ މުސާރައާ ފަނޑިޔާރުންގެ މުސާރަތައް ކުޑަ ކުރުމަށް ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ގޮވާލައްވައިފިއެވެ.

ދައުލަތަށް މިހާރުން މިހާރަށް ބޭނުންވާ 4.2 ބިލިއަން ރުފިޔާއާ ގުލިގެން ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް ބަހުސް ކުރުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ސަލީމް ވަނީ ފަނޑިޔާރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަތައް އެންމެ ކުޑަވެގެން ވެސް 20،000 ރުފިޔާއާ ހަމައަށް ކުޑަ ކުރުމަށް ގޮވާލައިފައެވެ. އަދި އެއަށްވުރެ ބޮޑު ނުވާ ގޮތަށް ހެދުމަށްވެސް އޭނާ ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލުމަށްފަހު މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނީ ރާއްޖެއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޖަލުގައި ތިބި މީހުންނަށް ކާ ނުދީ މުސާރަތައް ނުދީ އަދި ކޮވިޑް19 އިން އަރައިގަތުމަށް ކުރަންޖެހޭ ކަންކަން ނުކޮށް ނުތިބެވޭނެ ކަމަށެވެ. މި ހަރަދުތައް ފިޔަވާ އެހެން ހުރިހާ ހަރަދެއް ކޮށްގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ވިޔާރިތައް ފުނޑިގެން ދާނެ ކަމަށް މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ރެޑްވޭވް ފިހާރައިގެ އޯނަރު ސަލީމް ވިދާޅުވިއެވެ. ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާއި އެކު ރާއްޖޭގެ ވިޔަފާރިތަކަށް ވަނީ މިކަމުގެ ސަބަބުން ބޮޑެތި ހީނަރުކަމެއް އައިސްފައެވެ. ސަރުކާރުން ވަނީ ވިޔަފާރިތައް އަރައިގަތުމަށް ރިލީފް ޕެކޭޖެއް ތައާރަފުކޮށްފައެވެ.

ސަލީމް މިގޮތަށް ގޮވާލާފައިވާއިރު މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން ސިޔާސީ މަގާމުތަކާއި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 ޕަސެންޓުން ވަނީ އުނިކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *