އިތުރު 36 މީހަކު ކޮވިޑް19 ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް އަހުލުވެރި ކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން/ ފޮޓޯ- ހެލްތް މިނިސްޓްރީ

ރާއްްޖެއިން އަނެއްކާވެސް އިތުރު 36 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވް ވެފައިވަނީ 29 ބަންގަލަދޭޝްގެ ރައްޔިތަކާއި، އިންޑިއާގެ ރައްޔިތަކާއި އަދި 6 ދިވެހިން ކަމަށެވެ.

އަދި މި ކޭސްތަކުގެ ތެރޭގައި ތިން ގެއެއްގައި ދިރިއުޅޭ 30 ބަޔަކު ހިމެނޭކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެޗްޕީއޭއިން ބުނީ މި މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 177 އެވެ. މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާވެސް ކޮށްފައެވެ. އެޗްޕީއޭ އިން ބުނީ ލޮކްޑައުން އާއި އެކު ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން އަންނަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *