މި މަހު 15ގައި "އަމާޒު" ބޯޓުން ދަތުރުކުރި މީހުން ރިޕޯޓު ކޮށްދިނުމަށް އެދިއްޖެ

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ބައިވެރިވެވަޑައިގަންނަވަނީ --

ށ އަތޮޅާއި ނ އަތޮޅު އަދި ހއ އަތޮޅުގެ ބައެއް ރަށްރަށަށް މީހުން ގޮވައިގެން "އަމާޒު" ނަމަކަށް ކިޔާ ބޯޓުގެ ކެޕްޓަން ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި އެކު އެ ބޯޓުން ދަތުރުކުރި މީހުން ރިޕޯޓު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

މި ބޯޓު މާލެއިން ފުރާފައިވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެއީ މާލެއިން ކޮވިޑް19 އަށް މީހަކު އެންމެ ފުރަތަމަ ޕޮޒިޓިވްވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާން ކުރި ދުވަހެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ އެ ބޯޓު މާލެއިން ފުރާފައިވާ ކަމަށް ލަފާ ކުރެވެނީ އެދުވަހުގެ މެންދުރުފަހު 15:00 ހާއިރު ކަމަށެވެ. އެއީ މާލެ އިން ކޮވިޑް19 ފެނިގެން އެ މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމި ވަގުތުވެސްމެއެވެ. ނަމަވެސް މާލެ ސަރަހައްދުގެ އެއްވެސް ބަނދަރަކުން ބޯޓު ފަހަރުތައް ފުރުން މަނާ ކޮށްފައިވަނީ އޭގެ ވަގުތުކޮޅެއް ފަހުންނެވެ.

"އަމާޒު" ބޯޓުގެ ކެޕްޓަން އަކީ ށ. ނަރުދޫ މީހެކެވެ. އެމީހާ ކޮވިޑް19 އަށް ޕޮޒިޓިވްވީ މިއަދު ކަމަށްވެއެވެ. ނަމަވެސް އަލާމާތްތައް ހުރިތާ ދުވަސްކޮޅެއް ވެފައިވާ ކަމަށްވެސް ވެއެވެ. އެމީހާ އަކީ 49 އަހަރުގެ މީހެކެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އެމީހާއާ ގުޅޭ 50 ކޮންޓެކްޓެއް މިހާރުވެސް ހޯދިފައިވާ ކަމަށެވެ.

"އަމާޒް" ބޯޓްގެ ކެޕްޓަނާއި ކޮންޓެކްޓްވެފައިވާ ފަރާތްތަކުގެ ތެރޭގައި އެޗްޕީއޭ އަށް ނޭނގޭ ބަޔަކު ވެސް އަދި ތިބެދާނެކަން ފާހަގަކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ އެ ފަރާތްތަކުން އެޗްޕީއޭ އަށް މައުލޫމާތު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން އެދޭ އެދުމެއް އެއީ އަޅުގަނޑުމެންގެ ހޮޓްލައިނަށް ގުޅައިގެން އަޅުގަނޑުމެންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއަށް އައިސް އެ މައުލޫމާތު އަޅުގަނޑުމެނަށް ދިނުން،" އޭނާ ވިދާޅުވިއެވެ.

މި ބޯޓު ވަނީ ނ. މާފަރާއި ހެނބަދޫ، މިލަދޫ، ވެލިދޫ، ކެނދިކުޅުދޫ، ހޮޅުދޫ އަދި ށ. ނަރުދޫ، ފުނަދޫ، މާއުނގޫދޫ އަދި ފީވައްގެ އިތުރުން ހއ. އުތީމާއި ދިއްދޫ އަށް ދަތުރުކޮށްފައެވެ.

މި ބޯޓުގެ ކެޕްޓަން ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި އެކު ނ. ހޮޅުދޫ ށ. ފުނަދޫ، ށ. ނަރުދޫ، ށ. މިލަންދޫ، ށ. ފީވަށް، އަދި ށ. މާއުނގޫދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މީގެއިތުރުންވެސް ނ. މާފަރު، ނ. މިލަދޫ، ނ. ކެނދިކުޅުދޫ، ނ. ހެނބަދޫ، ހއ. އުތީމު އަދި ހއ. ދިއްދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.