"އަމާޒު" ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމާއި އެކު 13 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

މާލޭގެ ބަނދަރުމަތިން: ފޮޓޯ / ރާއްޖެ އެމްވީ

ށ އަތޮޅާއި ނ އަތޮޅު އަދި ހއ އަތޮޅުގެ ބައެއް ރަށްރަށަށް މީހުން ގޮވައިގެން "އަމާޒު" ނަމަކަށް ކިޔާ ބޯޓުގެ ކެޕްޓަން ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި އެކު 13 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މި ބޯޓު މާލެއިން ފުރާފައިވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެއީ މާލެއިން ކޮވިޑް19 އަށް މީހަކު އެންމެ ފުރަތަމަ ޕޮޒިޓިވްވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާން ކުރި ދުވަހެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ އެ ބޯޓު މާލެއިން ފުރާފައިވާ ކަމަށް ލަފާ ކުރެވެނީ އެދުވަހުގެ މެންދުރުފަހު 15:00 ހާއިރު ކަމަށެވެ. އެއީ މާލެ އިން ކޮވިޑް19 ފެނިގެން އެ މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމި ވަގުތުވެސްމެއެވެ. ނަމަވެސް މާލެ ސަރަހައްދުގެ އެއްވެސް ބަނދަރަކުން ބޯޓު ފަހަރުތައް ފުރުން މަނާ ކޮށްފައިވަނީ އޭގެ ވަގުތުކޮޅެއް ފަހުންނެވެ.

މި ބޯޓު ވަނީ ނ. މާފަރާއި ހެނބަދޫ، މިލަދޫ، ވެލިދޫ، ކެނދިކުޅުދޫ، ހޮޅުދޫ އަދި ށ. ނަރުދޫ، ފުނަދޫ، މާއުނގޫދޫ އަދި ފީވައްގެ އިތުރުން ހއ. އުތީމާއި ދިއްދޫ އަށް ދަތުރުކޮށްފައެވެ.

މި ބޯޓުގެ ކެޕްޓަން ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި އެކު ނ. ހޮޅުދޫ ށ. ފުނަދޫ، ށ. ނަރުދޫ، ށ. މިލަންދޫ، ށ. ފީވަށް، އަދި ށ. މާއުނގޫދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މީގެއިތުރުންވެސް ނ. މާފަރު، ނ. މިލަދޫ، ނ. ކެނދިކުޅުދޫ، ނ. ހެނބަދޫ، ހއ. އުތީމު އަދި ހއ. ދިއްދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

"އަމާޒު" ބޯޓުގެ ކެޕްޓަން އަކީ ށ. ނަރުދޫ މީހެކެވެ. އެމީހާ ކޮވިޑް19 އަށް ޕޮޒިޓިވްވީ މިއަދު ކަމަށްވެއެވެ. ނަމަވެސް އަލާމާތްތައް ހުރިތާ ދުވަސްކޮޅެއް ވެފައިވާ ކަމަށްވެސް ވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.