އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 141އަށް އަރައިފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން ކޮވިޑް19 އަށް އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވެފައިވާ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ދެ މީހަކާއި، ސްރީލަންކާގެ މީހެއްގެ އިތުރުން ދިވެއްސެއް ކަމަށެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 141 އަށް އަރާފައެވެ. އަދި މިއަދު އެކަނިވެސް މި ބައްޔަށް ވަނީ 13 މީހަކު ރާއްޖެއިން ޕޮޒިޓިވް ވެފައެވެ.

މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

މި މަހުގެ 15ވަނަ ދުވަހު މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާވެސް ކޮށްފައެވެ. އެޗްޕީއޭ އިން ބުނީ ލޮކްޑައުން އާއި އެކު ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން އަންނަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *