މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހަތަރު އަހަރާއި 12 އަހަރުގެ ކުޑަކުއްޖެއް

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަ ދެ ކުއްޖަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެގޮތުން އެ އެޖެންސީން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހަތަރު އަހަރަށްދާ ކުޑަ ކުއްޖަކާއި 12 އަހަރަށްދާ ކުޑަ ކުއްޖެއް ހިމެނޭ ކަމަށެވެ.

ނޭޝަނަލް އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ކޭސް 112 އަކީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ އަކީ “އެމްއެޗްއެފް” ކްލަސްޓާ އާއި ގުޅުންހުރި ކުއްޖެއް ކަމަށާއި އެކުއްޖާ އަކީ އެމްއެޗްއެފް ކްލަސްޓާ އާއި ގުޅިފައިވާ ތަނެއްގައި މަސައްކަތްކުރާ މީހެއްގެ ދަރިއެއް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކޭސް 117 އަކީ ކޭސް ނަންބަރު 28 އާއި ކޭސް 31 ގެ ދަރިފުޅު ކަމަށާއި އުމުރުން 12 އަހަރުގެެ މި ކުއްޖާ ގުޅެނީ ކްލަސްޓާ “ބީއާރުބީއާ” ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ކޭސް 114 އަކީ އުމުރުން 60 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އަކީ ކޭސް 73 އާއި ގުޅިފައިވާ “އާރުއައިއެސް” ކްލަސްޓާއާ ގުޅިފައިވާ މީހެއް ކަމަށް ޑރ، ވިދާޅުވިއެވެ.

ކޮވިޑް19 އަށް މުޅި ރާއްޖެއިން މިހާތަނަށް 128 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.