އިތުރު 12 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 128 އަށް

މާލޭގެ ފިހާރައަކަށް މުދާ ބާލަނީ: ފޮޓޯ / ހަތާވީސް

ކޮވިޑް19 އަށް އިތުރު 12 މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ މިއަދުގެ މިހާތަނަށް 18 މީހަކު ޕޮޒިޓިވް ވެފައިވާއިރު މުޅި ޖުމްލަ މި ބައްޔަށް 128 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވި ކޭސްތަކުގެ ތަފްސީލް ހިއްސާ ކުރައްވަމުން އައިޖީއެމްއެޗުގެ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިރޭ ފަހުން ޕޮޒިޓިވްވި މީހުންނަކީ ޕްރެސް ކޮންފަރެންސް ފެށެން އުޅެނިކޮށް ޕޮޒިޓިވްވި ކޭސްތަކެއް ކަމަށެވެ. އެހެންކަމުން މިރޭގެ ބައްދަލުވުމުގައި އެމީހުންގެ މައުލޫމާތުތަކެއް ހާމައެއް ނުކުރައްވައެވެ.

މިއަދު ވަނީ މީގެކުރިން ހަތް މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެމީހުންގެ މައުލޫމާތުތައް ހިއްސާ ކުރައްވާ ޑރ. އަފްޒަލް ވިދާލުވީ މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން ކޭސް 111 އަކީ މީގެ ކުރިން ފެނުނު އެހެން ކޭސްތަކާ ގުޅުމެއް ނެތް ކޭސްއެއް ކަމަށެވެ. އޭނާ އަކީ އިންޑިއާ މީހެއް ކަމަށް ވިދާޅުވެ ޑރ. ވިދާޅުވީ އޭނާގެ ކޮންޓެކްޓުންގެ ތެރޭގައި އެކިގައުމުތަކުގެ މީހުން ހިމެނޭ ކަމަށެވެ. އަދި މިހާތަނަށް 26 މީހަކު ހިމެނޭކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ. އެ ކޭސްއާ ގުޅޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ޑރ. ވިދާޅުވިއެވެ.

ކޭސް 112 އަކީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ އަކީ “އެމްއެޗްއެފް” ކްލަސްޓާ އާއި ގުޅުންހުރި ކުއްޖެއް ކަމަށާއި އެކުއްޖާ އަކީ އެމްއެޗްއެފް ކްލަސްޓާ އާއި ގުޅިފައިވާ ތަނެއްގައި މަސައްކަތްކުރާ މީހެއްގެ ދަރިއެއް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ކޭސް 113 އަކީ ޓީޗާ އެޑިއުކޭޓާ އެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށާއި، އޭނާ އަކީ ލޮކްޑައުންގެ ހާލަތުގައި ގޭގައި މަޑުކޮށްގެން އިންނަ މީހެއް ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ޑރ. ވިދާޅުވިއެވެ. އެމީހާއާ ގުޅިގެން ކޮންޓެކްޓުން ގޮތުގައި ފާހަގަވެފައިވަނީ ހަމައެކަނި އެގޭގައި އުޅޭ މީހުން އެކަނި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 27 މީހެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޭސް 114 އަކީ އުމުރުން 60 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އަކީ ކޭސް 73 އާއި ގުޅިފައިވާ “އާރުއައިއެސް” ކްލަސްޓާއާ ގުޅިފައިވާ މީހެއް ކަމަށް ޑރ، ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ 115 އާއި 116 ވަނަ ކޭސް އަކީވެސް ކުރީގެ ކްލަސްޓާ އަކާ ގުޅިފައިވާ ދެމީހުން ކަމަށާއި ކްލަސްޓާ “އެލްއެލްވައި” އާއި ގުޅިފައިވާ މި ދެމީހުންނަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ ދެމީހުން ކަމަށެވެ. މި މީހުންނަކީ އައިސޮލޭޝަންގައި ތިބި މީހުން ކަމަށާއި އެމީހުންނާ ގުޅުންހުރި އާ ކޮންޓެކްޓުން ނުތިބޭނެ ކަމަށް ޑރ. ވިދާޅުވިއެވެ.

މީގެ އިތުރުން ކޭސް 117 އަކީ ކޭސް ނަންބަރު 28 އާއި ކޭސް 31 ގެ ދަރިފުޅު ކަމަށާއި އުމުރުން 12 އަހަރުގެެ މި ކުއްޖާ ގުޅެނީ ކްލަސްޓާ “ބީއާރުބީއާ” ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.