ރޯދަ މަހުގެ ފުރަތަމަ ދުވަސް: މާލޭގެ ކޮންމެ ދިމާލަކަށް ބަލާލިއަސް ފެނުނީ ފަޅުކަން!

މާލޭގެ ބޮޑުތަކުރުފާނު މަގު: ފޮޓޯ / އަވަސް އޮންލައިން

މިއީ އާއްމު ގޮތެއްގައި މާލެތެރެ އޮންނަ ގޮތެއް ނޫނެވެ. އާއްމު ގޮތެއްގައި ރަމަޟާން މަހެއް އަންނަކަން މާލެ ތެރެއަށް ބަލާލުމުން އެނގިގެން ދާނެއެވެ. އެތައް ބަޔަކު އަވަދިނެތި އުޅޭނީ ބާޒާރު ކުރުމުގައެވެ. ތަފާތު އެކި ބާވަތް ބާވަތުގެ ލިސްޓުތައް ހަދާ ބަދިގެއަށް ކެއްކުމަށް ބޭނުންވާ ސާމާނުތައް ގަތުމަށް އަވަދިނެތި އުޅޭއިރު މާލެތެރޭގައި އެއް އަޑަކަށް ބަރުގޮނުގެ އަޑު ނީވި ނުދާނެއެވެ. ރަމަޟާން މަހާއި އެކުގައި ބާޒާރު މަތިވެސް ތާޒާ މޭވާއާ ތަރުކާރިން ފަޅު ފިލުވާލާއިރު މިއަދު މުޅި ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ގެ ވިލާގަނޑު ރާއްޖެ މަތީގައި އޮވެމެ ކުއްލިއަކަށް ތޫފާނާކަށް ބަދަލު ކޮށްލުމާއި އެކު ރަމަޟާން މަހުގެ ފުރަތަމަ ދުވަސް މާލޭގައި އުޅޭ ގިނަ ދިވެހިންނަށް ނިމިގެން ދިޔައިރު ރޯދައަށް ހުރިހެންވެސް ހީނުވާ ކަހަލައެވެ.

ބާޒާރު މައްޗަށް ފަޅުކަމެއް:

އާއްމު ގޮތެއްގައި ކޮންމެ ރަމަޟާން މަހެއްގައި ވެސް އެންމެ ބާރު ބޮޑުވާ އެއް ތަނަކީ މާލޭގެ ބާޒާރު މައްޗެވެ. މާރުކޭޓު ތަކުގައި ތޮއް ޖެހިފައިވާ މީހުން ގިނަކަމުން ނޭވާ ނުލެވޭ ވަރަށް މީހުން ތަކެތި ގަތުމަށް ގޮސް ތިބޭއިރު މިއަދު މާލޭގެ ބާޒާރު މަތިން ފެންނަނީ ފަޅުކަމެވެ. ތާޒާ މޭވާއާ ތަރުކާރީގެ ބާވަތްތައް ކޮވިޑް19 ގެ ސަބަބުން ރަށްރަށުން މާލެ ގެނެވޭނެ ގޮތެއް ނެތި ދަނޑުވެރިންނަށް ވެސް ލިބިގެން ދިޔައީ އެތައް ގެއްލުމެކެވެ.

މީގެކުރިން ނަމަ ބޭނުންވާ އެއްޗެއް ރޯދަ ވީއްލަން ހަދާލުމަށް ގަތުމުގެ ފުރުސަތު އޮތް ނަމަވެސް މިއަދު ގޭގައި ބޭނުން އެއްޗެއް ކައްކާލައިގެން ކެއުމުގެ ނަސީބު މިވަނީ ގެއްލިފައެވެ. ސަބަބަކީ ކޮވިޑް19 އެވެ. މި ނުރައްކާތެރި ބަލީގެ ސަބަބުން ފިހާރަތަކަށް ވެސް ދިއުމުގެ މިނިވަންކަން ގެއްލިފައިވާއިރު ފިހާރަތަކަށް ދެވެން އަންނަނީ ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެންނެވެ.

ރެސްޓޯރަންޓުތަކުގެ ސުފުރާ މަތި ފަޅަށް:

ރަމަޟާން މަސް އަންނަކަން އެނގުމާއި އެކު އޮފީސްތަކުގެ މުވައްޒަފުން އެންމެ ބޭނުންވާ އެއްކަމަކީ އޮފީސް ރޯދަ ވީއްލުމެއް ބާއްވާލުމެވެ. ކޮންމެވެސް ހިތްގައިމު މާހައުލަކަށް ގޮސް ރޯދަ ވީއްލުމަކީ ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ހިފާފައިވާ އާދައެކެވެ. އެކަމުގެ ސަބަބުން ކޮންމެ އަހަރެއްގައިވެސް އެންމެ ރަނގަޅު މެނޫ އެއް ހުންނަ ރެސްޓޯރަންޓުތައް ބަލައެވެ. ހުރިހާ މުވައްޒަފުންތައް އެކުވެ އެންމެންގެ އަތުން ޗަންދާ ނެގުމަށްފަހު އެންމެ ރަނގަޅު ރެސްޓޯރަންޓަކަށް ރޯދަ ވީއްލުމަށް ދުވަސްތައް ކަނޑައަޅައެވެ.

އޮފީސްތަކުގެ އިތުރުން އާއިލާތައް ވެސް ރޯދަ މަހުގެ ކޮންމެ ވެސް އެއް ދުވަހެއްގައި އެންމެން އެއްކޮށް ރޯދަ ވީއްލުމަށް ކޮންމެވެސް ތަނަކަށް ދިއުމަކީ މިހާރު އޮންނަ އާދައެކެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ރެސްޓޯރަންޓުތަކުގެ ސުފުރާ މަތިތައް ފަޅުވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. ތަނަކަށް ރޯދަ ވީއްލަން ނުދެވޭ ތަނުގައި އެންމެ ކުޑަ މިނުން އާއިލާ އެންމެން އެކުގައި އެއް ގެއެއްގައި ރޯދަ ވީއްލުމުގެ ފުރުސަތުވެސް މިވަނީ މިއަހަރު ގޮސްފައެވެ. ކުރިޔަށް އަދި ވާނެ ގޮތެއް ނޭނގޭތީއެވެ.

މިސްކިތްތައް ފަޅުވެ، ތަރާވީސް ނަމާދުގެ އަޑު ތާޅަފިލިތަކުން ކެނޑިފައި!

މިއީ ބަރަކާތްތެރި މަހެކެވެ. ކޮންމެ އަހަރެއްގައިވެސް އެންމެ ފަހަރަކު ހުރިހާ މުސްލިމުންނަށް ބައްދަލުކުރާ މި މައްސަރުގެ މާތްކަމާއި މި މައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ގިނަބަޔަކު ގަދަ އަޅާ މަސައްކަތް ކުރެއެވެ. ހާއްސަ ގޮތެއްގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި، ނަމާދަށްފަހު ގުރުއާން ކިޔެވުމާއި ދީނީ ދަރުސްތައް ދިނުން އޮވެއެވެ.

ރޯދަ ވީއްލައިގެން އިޝާ ނަމާދަށްފަހު އޮންނަ ތަރާވީހް ނަމާދަކީ ގިނަ އަދަދެއްގެ ބަޔަކު އެ ނަމާދެއްގައި ބައިވެރިވާ ނަމާދެކެވެ. އެހެންނަމަވެސް ފަހުގެ ތާރީހެއްގައި މިސްކިތްތަކުން ދެމުން ގެންދާ ދީނީ ނަސޭހަތްތަކާއި ދަރުސްތަކާއި ތަރާވީހް ނަމާދާއި ދަމު ނަމާދުގެ އަޑުތައް މިސްކިތްތަކުގެ ތާޅަފިލިން މިވަނީ ކޮވިޑް19 ގެ ސަބަބުން ކެނޑިގެން ގޮސްފައެވެ. މުޅި އިންސާނީ އުއްމަތަށް ކުރިމަތިވެފައި މިވާ ބަލާ އާފާތުގެ ސަބަބުން މިއަދު މިސްކިތުގައި ޖަމާއަތުގެ ނަމާދު ކުރުން މިވަނީ މެދުކެނޑިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.