ސީދާ ކޮވިޑް19 އާ ގުޅުންހުރި ކަންކަމަށް މިހާތަނަށް 280.5 މިލިއަން ރުފިޔާ ހަރަދުކޮށްފި

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ފޮޓޯ / ހަތާވީސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ފެނި އެކަމާއި ގުޅުންހުރި ކަންކަމަށް ސަރުކާރުން 280.5 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ހިނގާ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް19 އާ ގުޅުންހުރި ކަންކަމަށް އެ މިންވަރަށް ހަރަދު ކޮށްފައިވާ ކަމަށެވެ. ފިނޭންސް އިން ބުނީ އެ ފައިސާއަކީ ކޮވިޑް19 އާ ގުޅިގެން އެންމެ ބޮޑަށް މިކަމުގައި ހަރަކާތްތެރިވާ އިދާރާތަކުގެ ބަޖެޓަށް އިތުރު ކޮށްދިން މިންވަރު ކަމަށެވެ. އެގޮތުން ހެލްތު މިނިސްޓްރީއާ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީއާ ފުލުހުންނާއި ސިފައިންގެ ބަޖެޓަށް އެ 280.5 މިލިއަންގެ ތެރެއިން އެކި މިންވަރު އިތުރު ކޮށްދީފައިވާ ކަމަށެވެ.

މީގެތެރެއިން ވެސް އެންމެ ބޮޑު އެއްޗެއް ބަޖެޓަށް އިތުރު ކޮށްދީފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީގެ ބަޖެޓަށް 280.5 މިލިއަންގެ ތެރެއިން 230.5 މިލިއަން ރުފިޔާ އިތުރުކޮށްދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އިތުރުކޮށްދެވުނު ބަޖެޓުން މައިގަނޑު ގޮތެއްގައި ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މެޑިކަލް ސަޕްލައިސް އަދި ކޮންޒިއުމަބަލްސް ގަތުމަށާއި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރަށާއި އިކުއިޕްމަންޓް އަދި މެޝިނަރީ ގަތުމަށް ކަމަށް ފިނޭންސް އިން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިހާރު އޮތް ހާލަތު ދިގުދެމިގެންދާ ވަރަކަށް ސިއްހީ އަދި ޑިޒާސްޓާ މެނޭޖްމަންޓަށް ކުރަންޖެހޭ ހަރަދުތައްވެސް އިތުރުވާނެ ކަމަށް ބެލެވޭތީ، އެކަން ކަމަށް ކުރާ ހަރަދު މިއަހަރު އިތުރުވާނެ ކަމަށެވެ.

މީގެ އިތުރަށްވެސް ކޮވިޑް19 އާ ގުޅިގެން ކުރަން ޖެހޭ ހަރަދުތަކަށް ބޭނުންވާ ބަޖެޓު ހަމަޖައްސަންޖެހޭ ހާލަތްތަކުގައި އެ މިނިސްޓްރީން އެކަން ހަމަޖައްސަމުން ގެންދާނެ ކަމަށާއި އަދި އޮފީސްތަކުގެ އާންމު ބަޖެޓުގައި ހިމެނޭ ފައިސާއިން ވެސް ކޮވިޑް19 އަށް ހަރަދު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކުރިޔަށް އޮތް ތިން މަހަށް ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް މިހާރުން މިހާރަށް 4.2 ބިލިއަން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އެ ފައިސާ ވީ އެންމެ އަވަހަކަށް ހަމަޖައްސައި ދިނުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.