ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދުގައި މިއަހަރު ފިތުރު ޒަކާތް ބަލައިގަންނާނީ އޮންލައިންކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އުރީދޫ އެމްފައިސާ އަދި ދިރާގު ޕޭ އެޕްލިކޭޝަންއާ އިސްލާމިކް ބޭންކުގެ އިންޓަނެޓު ބޭންކިންއާ ބީއެމްއެލްގެ ވެބްސައިޓު މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮވާމުގެ އަގު:
އާދައިގެ ހަނޑޫ: 15 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ: 48 ރުފިޔާ
ބާސްމަތީ ހަނޑޫ: 105 ރުފިޔާ
ރަތް ހަނޑޫ: 65 ރުފިޔާ
އާދައިގެ ފުށް: 12 ރުފިޔާ
އާޓާ ފުށް: 55 ރުފިޔާ
އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީ ފިޔަވާ އެހެން ސިޓީތަކާއި ރަށްތަކުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު އެ ސިޓީއެއް ނުވަތަ ރަށެއްގެ ކައުންސިލުން ހަމަޖައްސަން ވާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުން ކޮވިޑް19 ގެ ބަލިމަޑުކަން ފިލައި އާއްމު ހާލަތަކަށް ގޮސްފި ކަމަށްވާ ނަމަ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އެ މިނިސްޓްރީންގެ ހޯލުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.