ކަރަންޓީން އިން ދޫކޮށްލި މީހަކު ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓު ވެގެން ޕޮޒިޓިވްވެއްޖެ

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވުމުން މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދާފައި: ފޮޓޯ / ހަތާވީސް

އިނގިރޭސިވިލާތުން އައި މީހަކު ކަރަންޓީންގައި ހުރުމަށްފަހު 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު ކަރަންޓީން ނިންމާ އެނބުރި ނިކުތް ފަހުން މާލެއިން ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓު ނުވަތަ ސީދާ ބައްދަލުވުމުން ޕޮޒިޓިވްވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެ މިހާއަކީ މާރިޗް 23 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި މީހެއް ކަމަށާއި، އޭނާ ރާއްޖެ އައުމުން އެ މަހުގެ 28 ވަނަ ދުވަހު އޭނާ ކޮވިޑް19 އަށް ޓެސްޓު ކުރި ކަމަށެވެ. ނަމަވެސް އެ ދުވަހު އޭނާގެ ޓެސްޓު ނަތީޖާ ނެގެޓިވްވެފައިވާ ކަަމަށާއި، އަދި އޭނާ ކަރަންޓީން އިން ދޫކޮށްލި ދުވަހުވެސް ހެދި ޓެސްޓުގެ ނަތީޖާ ނެގެޓިވްވި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭނާ ކަރަންޓީނުން ދޫކޮށްލީ އޭޕްރިލް ހަ ވަނަ ދުވަހުއެވެ. އޭނާ ފަހުން ކޮވިޑް19 އަށް ފައްސިވެފައި ވަނީ، މާލެ އިން ކޮވިޑް19 އަށް ފައްސިވި މީހަކާއި ކޮންޓެކްޓް ވެގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، އޭނާގެ ގައިން ބަލި ފެނުނީ ހައިރިސްކް ކޮންޓެކްޓްއަކާއި، ކޮންޓެކްޓް ވެގެން އައިސޮލޭޓްކޮށްފައި ހުއްޓާ، އޭނާގެ ގައިން ބަލީގެ އަލާމަތްތައް ފެނި ހެދި ޓެސްޓުތަކުން ކަމަށެވެ.

ރާއްޖެއިން މިއަދު އެކަނިވެސް 24 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ މުޅި ޖުމްލަ 108 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 16 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.