ކޮވިޑް19 އަށް އިތުރު 14 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް19އިން މާލޭގައި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް މީހުން މޫނު ނިވާކޮށްގެން-- ފޮޓޯ/ ސަން

ކޮވިޑް19 އަށް އިތުރު 14 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މި މީހުން ޕޮޒިޓިވްކަން ކަށަވަރުވީ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވަމުންދަނިކޮށް ކަމަށާއި މިއީ މާލޭގައި އެއް ތަނެއްގައި އުޅެމުންދިޔަ 14 ބިދޭސީން ކަމަށެވެ.

އެ 14 މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 108 އަށް އަރާފައެވެ. މިއަދު ހެނދުނު ވެސް ރާއްޖެއިން ވަނީ 9 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ފަސް ދިވެހިންނެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.