“ކޮވިޑް19 ގެ ބަލިމަޑުކަން އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާންމު ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފި”

މީގެކުރިން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ނުރައްކާތެރި ކޮވިޑް19 ގެ ބަލިމަޑުކަމުން ދިރިއުޅުމުގެ އާއްމު ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސާދަ ސަތޭކަ ސާޅީސް އެއްވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތާބުގައި މިރޭ ވިދާޅުވީ މިއަހަރުގެ ރޯދަމަސް ބައްދަލުކުރީ، މިއިން ޒަމާނެއްގައިވެސް އިންސާނުން ތަޖުރިބާކޮށްފައި ނުވާފަދަ ވަރުގަދަ އިމްތިޙާނަކާ ކުރިމަތިލާންޖެހިފައިވާ ދުވަސްވަރެއްގައި ކަމަށެވެ.

“ކޮވިޑް19 ގެ ބަލިމަޑުކަން، ދިރިއުޅުމުގެ ޢާންމު ޙަރަކާތްތައް ހުއްޓުމަކަށް ގެނެސްފި. އިޖުތިމާޢީ ގައިދުރުކުރުމަށް އިސްކަން ދޭންޖެހުމުގެ ސަބަބުން، އަޅުގަނޑުމެން ޖަމާޢަތުގައި އަދާކުރާ އަޅުކަންތައްވެސް މިވަނީ މެދުކަނޑައިލަން ޖެހިފައި،” ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، މި ހިތާމައިގެ ދަނޑިވަޅުގައި، ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރި ކަމީ، މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް اللهُ سُبْحَانَهُ وَتَعَالَى މެދުވެރިކޮށްދެއްވި ވަރަށް މަތިވެރި ނަސީބެއް ކަމުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. މާތްވެގެންވާ އިސްލާމްދީންވެސް ބާރުއަޅަނީ، އީމާންތެރިކަން ވަރުގަދަކޮށް ކެތްތެރިވެ، ސަބަބުތަކުގައި ހިފުމާއެކު، ﷲގެ ޙަޟްރަތުން މަދަދާއި ވާގިވެރިކަމަށް އެދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

“ރޯދަ މަހަކީ އަޅުކަމުގެ މޫސުން. ޤުރްއާން ކިޔެވުމާއި ދުޢާ ކުރުން ގިނަކޮށް، އަނެކުންނަށް ދީލަތިވުމާއި އެހީ ފޯރުވުމުގެ މައްސަރު. އެހެންކަމުން، މި މުހިންމު ދުވަސްތައް އަޅުގަނޑުމެން ހޭދަކުރަންވީ، “ކޯވިޑް19” ގެ ނުރައްކާތެރިކަން އަޅުގަނޑުމެންގެ ތެރެއިން ފިއްލަވައި، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ ޙާލަތަށް އެނބުރި ދިޔުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުގައި،” ރައީސް ވިދާލުވިއެވެ.

މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲއަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާ އެކު ހުޅުވިފައިކަން ފާހަގަކުރައްވާ ރައިސް ވިދާޅުވީ ގޭގައި ތިބެގެންވެސް ފަރުޟު ނަމާދުތައް ބަރާބަރަށް ކުރެއްވުމަށް ހުރިހާ ރައްޔިތުން ވެސް އިސްކަން ދެއްވުން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. ކީރިތި ޤުރްއާން ކިޔެވުން އިތުރުކޮށް، ތަރާވީޙް ނަމާދުކުރުމަށާއި ދަމު ނަމާދުކުރުމަށް ސަމާލުކަން ދެއްވައި،  މި ބަލީގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.