ދެކުނު ކޮރެއާ އިން ރާއްޖެއަށް އެހީވުމަށް އެދިއްޖެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ މިހާރުގެ ހާލަތު ބަޔާން ކޮށްދިނުމަށްފަހު މިހާރުން މިހާރަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ދެކުނު ކޮރެއާގެ ކިބައިން އެދިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރަށް ގުޅުވާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރުތަކުގެ މައުލޫމާތުތައް ހިއްސާ ކުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި މިހާރުން މިހާރަށް ބޭނުންވާ އެހީތަކަށް ދެކުނު ކޮރެއާގެ ކިބައިން ޝާހިދު އެދިލެއްވި ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިއަދު ވަނީ މާލެއިން ބަންގްލަދޭޝް ފަސް މީހުންނާއި ހަތަރު ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މި މީހުންނާއި އެކު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 75 އަށް އަރާފައެވެ.

މީހުންނާއި އެކު މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 95އަށް މިވަނީ އަރާފައެވެ. މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މިދިޔަ ބުދަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާވެސް ކޮށްފައެވެ. އެޗްޕީއޭ އިން ބުނީ ލޮކްޑައުން އާއި އެކު ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން އަންނަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *