މާލެއިން ދެ ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

މާލޭގެ ފިހާރައަކަށް މުދާ ބާލަނީ: ފޮޓޯ / ހަތާވީސް

ކޮވިޑް19 އާ ގުޅިގެން މާލެއިން މިއަދު ދެ ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިހާތަނަށް މޮނީޓަރިންގެ ހާލަތަށް ލާފައިވާ ތަންތަނާއި ރަށްތަކުގެ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ކޮންމެ ދުވަހުވެސް ހާމަ ކުރަމުންނެވެ. އެގޮތުން މިއަދު ހާމަކުރި މައުލޫމާތުން މައްޗަންގޮޅީގެ އިމާރާތެއްގެ ހަވަނަ ފަންގިފިލާއާ މާފަންނުގައި ހުންނަ އިމާރާތެއްގެ ތިންވަނަ ފަންގިފިލާ މޮނީޓަރިންގެ ހާލަތަށް ލާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދު ވަނީ މާލެއިން ބަންގްލަދޭޝް ފަސް މީހުންނާއި ހަތަރު ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މި މީހުންނާއި އެކު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 75 އަށް އަރާފައެވެ.

މީހުންނާއި އެކު މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 95އަށް މިވަނީ އަރާފައެވެ. މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މިދިޔަ ބުދަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާވެސް ކޮށްފައެވެ. އެޗްޕީއޭ އިން ބުނީ ލޮކްޑައުން އާއި އެކު ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން އަންނަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *