ކުރީގެ ލައިފްސްޓައިލް ދޫކޮށްލާ، ނޫންނަމަ މާ ބޮޑު ދަތިތަކާ ކުރިމަތިވާނެ: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި

ކުރިން އުޅުނު ލައިފްސްޓައިލް ދޫކޮށް، ހަރަދުތައް ކުޑަކުރަންޖެހޭ ކަމަށާއި އެހެން ނޫންނަމަ އަންދާޒާ ކުރާ މިންވަރަށް ވުރެ ބޮޑު، މާލީ ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ އިގްތިސާދީ މި ހާލަތުގައި ހަރަދުތައް ކުޑަކޮށްގެން، ދަތިކަމާއެކު ވެސް އުޅެންޖެހިފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭނެ ހަގީގަތަކީ އަޅުގަނޑުމެން ކުރީގަ ދިރިއުޅެމުން އައި ލައިފްސްޓައިލް، ދޫކޮށްލަންޖެހޭނެ. ހަރަދުތައް ކުޑަކޮށްގެން، ދަތިކަމާއެކު ވެސް އަޅުގަނޑުމެން މިހާރު އުޅެންޖެހިފައިވާ ގޮތަށް ހިފަހައްޓަންޖެހޭނެ. މި މިންގަނޑުގައި ނުހިފެހެއްޓޭނަމަ، މިހާފު ފޯކާސްޓް ކުރޭވެ ވަރަށް ވުރެ މާ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭނެ،” އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި ރިސޯޓުތައް ބަންދު ކުރަންޖެހުމުން، އިންޕޯޓްސް ދަށްވެފައިވާ ކަމަށެވެ.

މިހާލަތުގައި ވެސް އިންޕޯޓްސްއަށް ބަރޯސާވެ، ބޭރު ފައިސާއަށް އިތުރަށް ބަރޯސާވުމުން ދިވެހި ރުފިޔާގެ އަގުވެއްޓިގެން ހިނގައިދާނެ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ އަގު ބޮޑު ކުރަންޖެހިދާނެ ކަމުގެ އިޝާރާތެއް އޭނާ ކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ މި ދަނޑިވަޅުގައި ޑޮލަރު ލިބޭނެ ގޮތްތައް ބަލަންޖެހޭ ކަމަށެވެ. ހިލޭ އެއީ އާއި އެހެނިހެން ގޮތްގޮތުން ބޭރުން “ބޮރޯ” ކުރަންޖެހޭ ކަމަށެވެ.

އިގްތިސާދަށް ދޫކުރާ ފައިސާ، ރާއްޖެއިން ބޭރުނުވެ، އިގްތިސާދުގައި ދަރުއު ކުރެވޭނެ ގޮތް ހަދަންޖެހޭ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.