ފައިސާ ޗާޕުކޮށްގެން ދައުރު ކުރަންވީ، ނޫނީ ސަލާމަތެއް ނުވާނެ: ނާޒިމް

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް-- ފޮޓޯ/ މަޖިލިސް

އެމްއެމްއޭއިން އިތުރަށް ފައިސާ ޗާޕުކޮށްގެން، އިގްތިސާދުގައި އެ ފައިސާ ދައުރު ކުރަންޖެހޭ ކަމަށާއި އެ ނޫންނަމަ، އިގްތިސާދީ މިހާލަތުން އަރައިނުގަނެވޭނެ ކަމަށް ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް 4.2 ބިލިއަން ރުފިޔާ، އެމްއެމްއޭއިން ސަރުކާރަށް ލިބޭނެ ގޮތް ހެދުމަށް، ވީހާވެސް އަވަހަށް މަޖިލީހުން ފާސްކުރަންޖެހޭ ކަމަށެވެ. އެ ފައިސާ ސަރުކާރަށް ލިބުމުން، އިގްތިސާދުގައި ފައިސާ ދައުރު ކުރެވޭނެ ކަމަށާއި އޭރުން މިހާރު ދިމާވަމުންދާ ދަތިތަކުން އަރައިގަނެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

“އަޅުގަނޑުމެން [ރާއްޖެއިން ބޭރުން] ލޯނު ނަގަންވީއޭ. އެމްއެމްއޭއިން އެ ފުރުސަތު ދޭންވީއޭ. މީގެއިން އިތުރަށް ފައިސާ ޗާޕުކޮށް ހަދައިގެން، އަޅުގަނޑުމެންގެ އިގްތިސާދަށް އެ ފައިސާ އަނބުރަންވީއޭ. އެހެން ނޫން ކަމަށްވަންޏާ އިގްތިސާދީ މި ހާލަތުން އަރައިގަނެވޭނެ ގޮތެއް ނޯންނާނެ،” ނާޒިމް ވިދާޅުވިއެވެ.

ކާނަލް ރިޓަޔާޑް ނާޒިމް ވިދާޅުވީ ރާއްޖެއިން ބޭރުން ވީހާވެސް ގިނައިން ލޯނު ނަގަންޖެހޭ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. އެކަމާ މަޖިލީހުން ކަންބޮޑުވާން ނުޖެހޭ ކަމަށާއި މި ދަނޑިވަޅުގައި ބޭރުގެ އެކި ގައުމުތަކުން ވެސް އެކިކަހަލަ ލޯނުތައް ނަގަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ނަގާ ލޯނުތައް އިގްތިސާދުގައި ދައުރު ކުރުމުން، ފައިސާ ލިބޭނެ މަގުތައް ލިބޭނެ ކަމަށާއި އޭރުން ލޯނު ދެއްކޭނެ ކަމަށެވެ.

ރާއްޖެއިން ބޭރުން ލޯނު ލިބޭނެ ގޮތްތައް ބައްލަވައި، ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރުން ލޯނު ލިބޭނެ ގޮތް ހެއްދެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވެސް ނާޒިމް ވަނީ ގޮވާލައްވާފައެވެ.

“އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ބޭރު ގައުމުތަކުން ލޯނު ނެގުމަކީ މައްސަލައެއް ނޫން. ވީހާވެސް ބޮޑަށް ލޯނު ނަގަންވީ. ދިވެހިންގެ ޖީބަށް ފައިސާ އަންނާނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކުރަންވީ. އަޅުގަނޑުމެންނަށް ފަހުން ލޯނު ދެއްކޭނެ. ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް އެކި ލޯނުތައް އެބަ ނަގާ,” ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ކޭޝް ފުލޯއަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހިނގައިނުގެންފިނަމަ، މާލޭގެ ދިރިއުޅޭ މީހުންނާއި އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ތަފާތު އުނދަގޫތައް ކުރިމަތިވަމުންދާނެ ކަމަށެވެ. އަދި ވިދާޅުވީ އިގްތިސާދުގައި ފައިސާ އެނބުރޭގެ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި ރައްޔިތުންގެ މެދުގައ ފައިސާ ދައުރުވާނެ އިގްތިސާދީ މަސައްކަތްތައްކޮށްގެން ނޫނީ ރާއްޖޭގެ އިގްތިސާދު ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

އޭނާގެ ވާހަކަފުޅު ނިންމަވާލައްވަމުން އިލްތިމާސް ކުރެއްވީ ސިޔާސީ ހުރިހާ ކަމަކުން ދުރުހެލިވެ، އެއްބައިވަންތަކަމާ އެކު ގައުމަށް ކޮންދެވެން ހުރި ކަންތައްތައް ފަރުދީ ލެވެލްގައި ކުރުމަށެވެ.

“އަޅުގަނޑުމެން ބަލަންވީ ގައުމު މިއަދު ކޮށްދެނީ ކޮންކަމެއްތޯއެއް ނޫން. އަޅުގަނޑުމެން ބަލަންވީ ފަރުދީ ލެވެލްގައި، އަޅުގަނޑުމެންގެ ފުއްދުންތެރިކަމުގެ ލެވެލްގައި ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބެލުން،” ނާޒިމް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.