ވެމްކޯގައި މަސައްކަތް ކުރާތީ މުވައްޒަފަކު ގެއިން ނެރެލި މައްސަލަ އަކީ ދޮގެއް: ވެމްކޯ

ވެމްކޯގެ މުވައްޒަފަކު މަގުމަތީގައި: ފޮޓޯ / ވެމްކޯ

މާލޭގެ ގެއެއްގައި ދިރިއުޅެމުން ދިޔަ ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފަކު ގެއިން ނެރެލީ އެކުންފުނީގައި މަސައްކަތް ކުރަމުން ދާތީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

އެ ކުންފުނިން ވަނީ މި މައްސަލަ ހިނގައިދިޔަ ގޮތް ކުންފުނީގެ އެތެރެއިން ބަލާފައެވެ. އެ މައްސަލަ ބަލާފައިވަނީ ވެސް ސޯޝަލް މީޑިއާއާ އަދި ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުގައި އެ ކުންފުނީގެ މުވައްޒަފަކު ދިރިއުޅެމުން ދިޔަ ގެއިން ނެރެ މަގުމަތިކުރި ކަމުގެ ހާދިސާގައި ކަން ހިނގާދިޔަ ގޮތް ބެލުމަށް ނެގި ވަކި ކޮމެޓީއަކުން މައްސަލަ ބެލުމަށްފަހުއެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލަ ބެލި ބެލުމުގައި ގެއިން ނެރެލި ކަމަށް ބުނާ ވެމްކޯގެ މުވައްޒަފާއި އެ މުވައްޒަފު ދިރިއުޅުނު ގޭގެ ވެރި ފަރާތާއި ވެސް ބައްދަލުކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ބެލި ބެލުމުން ފާހަގަވެގެން ދިޔައީ އެކަމަކީ އެ މުވައްޒަފު ވެމްކޯގައި މަސައްކަތް ކުރާތީ ކުރިމަތިވި ކަމެއް ނޫންކަން ކަމަށް ވެމްކޯއިން ބުންޏެވެ. އަދި ދޭދޭ ފަރުދުންގެ މެދުގައި ހިނގާ މިފަދަ ހާދިސާތައް މަސްލަހަތު ގެއްލޭނެހެން އަދި ކަމުގެ ހަގީގަތް އޮޅޭނެހެން ސޯޝަލް މީޑިއާގައި އާއްމު ނުކުރުމަށް އެކުންފުނިން އިލްތިމާސްކުރެއެވެ.

ވެމްކޯގެ ބަޔާނުގައި ކަމުގެ ހަގީގަތް ނުބަލާ ސޯޝަލް މީޑިއާގައި އެ މައްސަލަ އާއްމުކުރި ކުންފުނީގެ މުވައްޒަފުންވެސް މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ އަރިހުން މައާފަށް އެދިފައިވާ ކަމަށް ބުނެފައިވެއެވެ. އެ މައްސަލާގައި ޝާމިލުވާ އެއްވެސް ފަރާތެއްގެ އަބުރު ކަތިލުމުގެ އަމަލެއް ސޯޝަލް މީޑިއާގައި ނުހިންގުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *