ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަސް

އިސްލާމީ މަރުކަރު-- ފޮޓޯ / މިހާރު

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ކަނޑައަޅައި، އެކަން އިއުލާންކޮށްފިއެވެ.

މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމަށް ފަހު އިއްވި ބަޔާނުގައި ވަނީ މިރޭ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނިފައިނުވާ ކަމަށާއި އަދި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނުނު ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލުކުރާ އުސޫލުގެ ދަށުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ކަނޑައެޅީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ރޯދަ ހިފުމަށް ފަރުވާތެރިވެ މާތް ﷲ ރުއްސެވުމާއި މަޣުފިރަތައް އެދި ހެޔޮކަންކަން ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ރާއްޖެއަށް ރޯދަ މަހުގެ ހަނދު ސާބިތުވިކަން އިއުލާން ކުރުމުން ސިފައިން ވަނީ ޖުމްހޫރީ މައިދާނުގައި ބަޑި ޖަހާފައައެވެ.

އަންނަ ހުކުރު ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާ އިއުލާން ކުރިއިރު ކޮވިޑް19 އިގެ ބަލާމުސީބަތާއެކު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކުގެ ޖަމާއަތް ހަދައިގެން ނަމާދު ކުރުން ވަނީ ހުއްޓާލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.