ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޓެކްސީ ޑްރައިވަރެއް

މާލޭގެ ރިންގް ރޯޑުގައި ޓެކްސީތަކެއް ދުއްވާފައި ދަނީ: ފޮޓޯ / މިހާރު

މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޓެކްސީ ޑްރައިވަރަކު ވެސް ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ އެމީހާއަކީ އެސްޓީއޯގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ މީހެއް ކަމަށާއި އަދި އޭނާ އަކީ ކޮންމެވެސް ވަރަކަށް ޓެކްސީ ދަތުރު ކުރަމުން ގެންދިޔަ މީހެއް ކަމަށެވެ.

މި މީހާއަކީ ދިވެއްސެކެވެ. ޑރ. އަފްޒަލް ވިދާޅުވީ އޭނާގެ ކިބައިން އަލާމާތްތައް ފެނުނީ މިދިޔަ މަހުގެ ބުދަ ދުވަހު ކަމަށެވެ. އެމީހާގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި މިހާތަނަށް ހަތް މީހަކު ފާހަގަކުރެވިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޕޮޒިޓިވްވި ޓެކްސީ ޑްރައިވަރަކީ އިތުރު ކްލަސްޓާތަކަކާ ގުޅިފައިވާ މީހެއް ކަމަށާއި އޭނާގެ ކޮންޓެކްޓް ޓްރޭސިންގް، ކޭސް 36 އާ ހިސާބާ ގުޅޭކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. ކޭސް 36 އަކީ ހުޅުމާލޭގައި ހުރި އަމީން ހިޔާގައި ހުއްޓައި ހުން އައިސްގެން ފްލޫ ކްލިނިކަށް ގޮސް ޓެސްޓު ކުރުމުން ޕޮޒިޓިވްވި މީހާއެވެ.

މިހާތަނަށް މާލެއިން 66 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު މުޅި ރާއްޖެއިން މި ބައްޔަށް 86 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *