ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތަކަށް 4.2 ބިލިއަން ބޭނުންވޭ

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ފޮޓޯ / ހަތާވީސް

ކުުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދީ އަދި މާލީ ލޮޅުމާއި އެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝް ފްލޯ ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ ލިޔުމެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު 50 އިންސައްތަ ދަށްވެ، ބެޑްނައިޓްސް 39 އިންސައްތަ ދަށްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ރިއަލް އިކޮނޮމީގެ އެހެން ސެކްޓަރތަކަށް ވެސް މީގެ އަސަރުކޮށް، އިގްތިސާދުގެ ޖުމުލަ ޑިމާންޑް ދަށްވާނެ ކަމަށާއި އެއާއެކު، ރާއްޖޭގެ އިގްތިސާދު 2020 ވަނަ އަހަރު 5.11 އިންސައްތައިން ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ،

ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ފަތުރުވެރިކަމަށް އަންނަ ބޮޑު ހީނަރުކަމާއެކު، ދައުލަތުގެ އާމްދަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކުރި މިންވަރާ އަޅައި ބަލާއިރު 49 އިންސައްތަ ދަށްވާނެ ކަމަށް ލަފާކޮށްފައިވާއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވެނީ 2.15 ބިލިއަން ރުފިޔާއެވެ. ނަމަވެސް އަދި މި އަހަރު މިހާތަނަށް ލިބިފައިވަނީ 6.4 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އާމްދަނީ އަށް އަންނަ ހީނަރުކަމާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ޑެޕިއުޓީ މިނިސްޓަރުން ލެވެލްއިން ފެށިގެން މަތީ ފަންތީގެ މުވައްޒަފުންގެ މުސާރަތައް 20 އިންސައްތަ ކުޑަކުރުމާއި، ދަތުރުފަތުރަށް ކުރާ ހަރަދު ކުޑަ ކުރުމާއި، މަރާމާތުތަކާއި ހަރުމުދާ ހޯދުން މަޑުޖައްސާލުމާއި، އެހެނިހެން ރިކަރަންޓް ޚަރަދުތައް ވެސް ކުޑަކޮށްފައިވާ ކަމަށެވެ.

އަދި އިތުރު ހަރަދުތަކަށް ކޮމިޓްނުކުރުމުގެ ގޮތުން އިތުރު މުވައްޒަފުން ނުނެގުމާއި، މަޝްރޫއުތައް އެވޯޑްކުރުން ވެސް މަޑުޖައްސާލެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ލޯނު އަދާކުރުމަށް ކުރާ ހޭދަ ކުޑަކުރުމަށް ޑެޓް ރިލީފް އަދި މޮރެޓޯރިއަމް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރަށް، 35،000 ރުފިޔާއަށް ވުރެ ބޮޑު ކޮންމެ ހަރަދެއް ކުރުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމަށް ދަންނަވާފައިވާނެ ކަމަށާއި އެ ދެންނެވުނު ފިޔަވަޅުތަކާއެކު، ދައުލަތުގެ ބަޖެޓު، 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ 9.37 ބިލިއަން ރުފިޔާއިން 1.30 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއަށްވުރެ ބޮޑަށް ހަރަދު ކުޑަކުރާނަމަ، ދައުލަތުން ފޯރުކޮށްދޭ މުހިންމު ހިދުމަތްތަކަށާއި ޕްރޮގްރާމްތަކަށް ބުރޫ އަރާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ދައުލަތުން މުވައްޒަފުން މަދުކުރަން ނުވަތަ މުވައްޒަފުންގެ މުސާރައިން އުނިކުރަން ޖެހިދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.