ކުލި ދެއްކޭނެފަދަ މާލީ ތަނަވަސްކަން ނެތް މީހުން އެޗްއާރްސީއެމް އަށް ރިޕޯޓު ކުރަން އެދިއްޖެ

ބިދޭސީންތަކެއް މާލޭގެ މަގު މަތީގައި: ފޮޓޯ / ހަތާވީސް

ކޮވިޑް19 ދިވެހިރާއްޖޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި، ދިރިއުޅޭ އެޕާޓްމަންޓު ނުވަތަ ގޭގެ ކުލި ދެއްކޭނެފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެހީތެރިކަންދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތަށް އިލްތިމާސް ކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން ކޮށްފައިވާ ޓްވީޓުތަކެއްގައި އިއްޔެ ބުނެފައިވަނީ އެ ކޮމިޝަނުން ވަނީ ކޮވިޑް19 ދިވެހިރާއްޖޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި، ދިރިއުޅޭ އެޕާޓްމަންޓު ނުވަތަ ގޭގެ ކުލި ދެއްކޭނެފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެހީތެރިކަންދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތަށް އިލްތިމާސް ކުރާ ކަމަށާއި އަދި އެފަދަ މައްސަލަތައް އެ ކޮމިޝަނަށް ހިއްސާ ކުރުމަށްވެސް އެދޭ ކަމަށެވެ.

މީގެއިތުރުން އެޗްއާރްސީއެމް އިން ވަނީ ކޮވިޑް19 ދިވެހިރާއްޖޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންނަށް ހިދުމަތްދިނުމުގައި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ދިނުމަށާއި އަދި މިފަދަ ފަރާތްތައް ދިރިއުޅޭ ތަންތަނުގައި އުޅޭ އެހެން ފަރާތްތަކުން މިފަދައިން ހިދުމަތުގައި އުޅުއްވާ މުވައްޒަފުން ތަފާތުނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

އެޗްއާރްސީއެމް އިން މިގޮތަށް ބުނެފައިވާއިރު ކުލި ނުދެއްކުމުގެ ސަބަބުން މީހުން ގެއިން ނެރޭ ކަމުގެ ޝަކުވާތައް އަންނަނީ ގިނަވަމުންނެވެ. މި ދުވަސްވަރު ރާއްޖޭގައި ކޮވިޑް19 ފެތުރެން ފަށާފައިވުމުން އިގްތިސޯދަށް އެކަމުގެ ބޮޑު އަސަރެއް ކޮށްފައިވާއިރު އެތައް ބައެއްގެ ވަޒީފާތަކަށް ވެސް މިކަމުގެ ސަބަބުން ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އެހެންކަމުން ސަރުކާރުން އަންނަނީ އެފަދަ ފަރާތްތަކަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންނެވެ.

އިއްޔެ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 އަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ކުލި ނުދެއްކި ގެއިން ނެރޭ ކަމުގެ ޝަކުވާތައް ގިނަވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި އެގޮތަށް ކަންކަން ނުކުރުމަށް މަބްރޫކް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެއިތުރުން ސިއްހީ ހިދުމަތްތެރިންނަށް މުޖުތަމައުގެ ތެރެއިން ފުރައްސާރަ ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) ވެސް ވަނީ ބުނެފައެވެ. އެމްއެޗްޕީޔޫއިން ބުނީ، މުޖުތަމައުގެ ރައްކާތެރި ކަމަށްޓަކައި ސިއްހީ ހިދުމަތްތެރިން އެތަކެއް ގުރުބާނީ އެއް ވަމުންދާއިރު، ސިއްހީ ހިދުމަތްތެރިން އުޅެމުން އަންނަ ގެތަކުގެ ވެރިފަރާތް ތަކުންނާއި މުޖްތަމައުގެ ތެރެއިންވެސް ސިއްހީ ހިދުމަތްތެރިންނަށް ފުރައްސާރަ ކުރަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. މީގެ އިތުރަށް ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަަށަވަރުކޮށް ދިނުމަށް އެދި އެމްއެޗްޕީޔޫއިން ވަނީ ގޮވާލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.