ހުއްދަ ނެތި ބޭރަށް ނިކުންނަ ނަމަ 5،000އާ ހަމައަށް ޖޫރިމަނާ ކުރަނީ

ކުޅުދުއްފުށި ިސިޓީ: ފޮޓޯ / ރާއްޖެ އެމްވީ

ހދ. ކުޅުދުއްފުށި ސިޓީގައި މިހާރު ހިންގަމުން އަންނަ ކާފިއުގައި ހުއްދަ ނެތި ބޭރަށް ނިކުންނަ ނަމަ 5،000 ރުފިޔާއާ ހައަމަށް ޖޫރިމަނާ ކުރެވިދާނެ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށީގައި ކާފިއުއާ އެކު ރަށްވެސް ވަނީ ލޮކްޑައުން ކޮށްފައެވެ. ލޮކްޑައުން ކޮށްފައިވަނީ 72 ގަޑިއިރަށެވެ.

ކުޅުދުއްފުށި ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކާފިއު އިއުލާންކޮށްފައިވާ މުއްދަތުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އަންގާފައިވާ އެންގުންތަކަށް ބޯ ނުލަނބާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.

ކުޅުދުއްފުށި ިސޓީ ކައުންސިލުން ބުނީ އެ ސިޓީގައި ހިންގަމުން އަންނަ ކާފިއު އަދި އެރަށުގައި ކޮށްފައިވާ ލޮކްޑައުންގެ އުސޫލުތަކާއި ހިލާފަށް އަމަލު ކުރާ ފަރާތްތަކުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ އަދަދުކަން ޖޫރިމަނާ ކުރުމަށް ލިބިދޭ ބާރުގެ ދަށުން އަމަލު ކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފައި ވަނީ އެއްވެސް ހާލަތެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަން އެގޮތަށް ކުރުމަށް އަންގައިގެނެއް ނޫނެވެ. އެހެންނަމަވެސް ހއ. އުލިގަމުގައި ހުރި މީހެއްގެ ގައިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ހއ. އަދި ހދ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވަނީ ބިރުވެރިކަން އުފެދިފައެވެ. ކުޅުދުއްފުށި ސިޓީގައި ކާފިއު ހިންގާ ސިޓީ ލޮކްޑައުން ކޮށްފައިވަނީ އެ ސަބަބާއި ގުޅިގެންނެވެ.

އުލިގަމުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ގުޅިގެން އުލިގަމުވެސް ހިމެނޭ ގޮތުން ހއ. މާރަންދޫއާ ހދ. ނޮޅިވަރަމްއާ ހދ. ވައިކަރަދޫއާ ހދ. ހިރިމަރަދޫއާ ހއ. ހޯރަފުށްޓާއި ހއ. ތުރާކުނާއި ހއ. ތަކަންދޫއާ ހއ. އިހަވަންދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އުލިގަމުން ޕޮޒިޓިވްވި މީހާއާ 131 ފަރާތެއް ކޮންޓެކްޓުވެފައިވެއެވެ. އުލިގަމުން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓެއް ކޮވިޑް19 އަށް ވަނީ އިއްޔެ ޕޮޒިޓިވްވެސް ވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.