ކޮވިޑް19: ދައުލަތުގެ މުވައްޒަފުން ތައްޔާރަށް ތިބުމަށް ރައީސް އެދިވަޑައިގެންފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެބިނެޓު ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ރާއްޖެއިން ކޮވިޑް19 އާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިވުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންވެސް ތައްޔާރަށް ތިބުމަށް މުވައްޒަފުންގެ ކިބައިން ރައީސުލުޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ސޮއި ކުރައްވާ ނޭ ނެރުއްވާފައިވާ ދެންނެވުމެއްގައި ވަނީ ރަށްތަކާއި ސިޓީޓަކުގައި ކޮވިޑް19 އާ ދެކޮޅަށް ކުރަންޖެހިފައިވާ މަސައްކަތްތައް އިތުރުވެފައިވާ ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކާއި ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ރަށްރަށުގައި މިހާރުވެސް ކޮވިޑް19 އާ ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްގެ އެހީތެރިކަމާއި އެއްބާރުލުން ކޮވިޑް19 އާ ދެކޮޅަށް ކުރާ މި މަސައްކަތުގައި ބޭނުންވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ޗީފް އޮފް ސްޓާފް ނެރުއްވި ދެންނެވުމުގައިވެއެވެ.

ކޮވިޑް19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންވެސް ތައްޔާރަށް ތިއްބެވުމަށް ރައީސް ވަނީ ދަންނަވާފައެވެ. އަދި ކަމާބެހޭ ފަރާތްތަކުން އެހީތެރިކަން ބޭނުންވެއްޖެ ކަމަށްވާ ނަމަ ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަަޖައްސައި ދިނުމަށް ރައީސް ދަންނަވާފައިވާ ކަމަށް ވެސް ދެންނެވުމުގައިވެއެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 86އަށް މިވަނީ އަރާފައެވެ. މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މިދިޔަ ބުދަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާވެސް ކޮށްފައެވެ. އެޗްޕީއޭ އިން ބުނީ ލޮކްޑައުން އާއި އެކު ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން އަންނަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. 86 މީހަކު މުޅި ރާއްޖެއިން ޕޮޒިޓިވްވިއިރު ރާއްޖެއިން މިބަލި ޖެހުނު 16 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. އޭގެތެރޭގައި 13 ބިދޭސީންނާއި ތިން ދިވެއްސަކުވެސް ހިމެނެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.