ކުލި ނުދެއްކޭ މީހުން މަގުމަތިވުން ހުއްޓުވުމަށް ސަންސެޓް ޤާނޫނެއް މުހިއްމު: ޕީއައިއެލްސީ

ޕީއައިއެލްސީގެ ރައީސް، އަދި ޤާނޫނީ ވަކީލު މަރިޔަމް ޝުނާނާ-- ފޮޓޯ/ ރާއްޖެއެމްވީ

މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ކުލި ނުދެއްކިގެން އުޅޭ މީހުން ގެތަކުން ނެރުން ހުއްޓުވުމަށް، ސަންސެޓް ޤާނޫނު (ވަގުތީ ޤާނޫނު)އެއް މަޖިލީހުން ފާސް ކުރުމަށް ޤާނޫނީ މަސައްކަތް ހިލޭސާބަހަށް ފޯރުކޮށްދެމުންދާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ (ޕީއައިއެލްސީ) ގޮވާލައިފިއެވެ.

ޕީއައިއެލްސީ މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުލި ނުދެއްކިގެން މީހުން ގެއިން ނެރޭ މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ދިމާވި އެހެނިހެން ގައުމުތަކުން އެކަމަށް ޤާނޫނީ ހައްލުތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތާއި އެމެރިކާފަދަ ބައެއް ގައުމުތަކުގައި ލޮކްޑައުންގެ މުއްދަތުގައި ނުވަތަ އެ ބަލި ފެތުރެމުންދާ މުއްދަތުގައި ކުލި ދެއްކޭފަދަ މާލީ ޤާބިލުކަމެއް ނެތް ފަރާތްތަކުން ގެތަކުން ނެރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

"މިއީ ކުލި ދެއްކުމުގެ ޒިންމާއިން ބަރީއަވުން ނޫންކަމާއި އެހެން ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގެ ދުވަސްވަރު ކުއްޔަށް ހިފާފައިވާ ފަރާތްތައް ދިރިއުޅޭ ތަނުން ނެރުމަކީ އެފަރާތްތައް އިތުރަށް ނިކަމެތިވެ، އަދި ބަލިން ރައްކާތެރިވުމަށް ހުރަސްއަޅާ ކަމަކަށް ވެގެންދާތީ އެކަން ހުއްޓުވުމުގެ ގޮތުން އެޅޭ މުހިއްމު ފިޔަވަޅެއް ކަުގައި ދެކެމެވެ." ޕީއައިއެލްސީގެ ބަޔާނުގައިވެއެވެ.

މާލީ ފޯރުންތެރިކަން ނެތް މީހުންނަށް ޤާނޫނީ އެހީތެރިކަން ހިލޭ ސާބަހަށް ފޯރުކޮށްދޭ ޕީއައިއެލްއެސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މަޖިލީހުން އަވަސް މައްސަލައެއްގެ ގޮތުގައި ސަންސެޓް ޤާނޫނެއް ފާސްކޮށް، ކުލި ނުދެއްކިގެން މަގުމަތި ކުރުން މަނާކޮށް، މަގުމަތި ކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް ލާޒިމްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އިސްވެ ދެންނެވިފަދަ ޤާނޫނެއް ޑްރާފްޓް ކުރުމަށްޓަކައި ތިޔަ އިއްޒަތްތެރި މަޖިލީހަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން މި ޖަމިއްޔާގެ ފަރާތުން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ވާހަކަވެސް ދަންނަވަމެވެ." އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައިވެއެވެ.

ސަން ސެޓް ޤާނޫނަކީ ވަކި ހާއްސަ މަގުސަދެއް ހާސިލު ކުރުމަށްޓަކާ ވަގުތީ ގޮތުން ތަންފީޒު ކުރާ ޤާނޫނުތަކަށް ކިޔާ ނަމެކެވެ. އެފަދަ ޤާނޫނުތަކަކީ ވަކި މުއްދަތަކަށް އަމަލު ކުރާ ޤާނޫނުތަކެވެ. ޤާނޫނުގައި ކަނޑައަޅާ މުއްދަތު ފަހަނައަޅައި ދިއުމުން އޮޓަމެޓިކުން އެ ޤާނޫނު އުވިގެންދާނެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.