ޕޮޒިޓިވްވި ސިފައިންގެ މީހާއާ ގުޅޭ 41 ކޮންޓެކްޓް ހޯދައިފި

ފުލުހުންގެ އެދުމުގެ މަތިން، މާލެ ސިޓީ ކައުންސިލުން ކޮލިޕަސް ކުރިމަތި، މަޖީދީމަގު ޑިސްއިންފެކްޓް ކުރަނީ-- ފޮޓޯ/ ސިޓީ ކައުންސިލް

ކޮވިޑް19އަށް ޕޮޒިޓިވްވި ސިފައިންގެ މީހާއާ ގުޅޭ 41 ކޮންޓެކްޓް ފާހަގަވެފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

“ހަތާވީސް”އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި ސިފައިންގެ މީހާއަކީ ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި އުޅޭ މީހެކެވެ. އޭނާ ޕޮޒިޓިވްވުމާ އެކު، އެމްއެންޑީއެފުން ރޭ ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.

ދަރުބާރުގޭގައި ބެއްވި އެންއީއޯސީ ޕްރެސް ކޮންފަރެންސްގައި ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވި ސިފައިންގެ މީހާގެ ގިނަ ކޮންޓެކްޓްތައް ވުން ގާތީ އެކުގައި މަސައްކަތް ކުރި ސިފައިންނާއި ކަމަށެވެ. އެކަމަކު އޭގެ ތަފުސީލުތަކެއް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސިފައިންގެ މީހާއާ މިހާތަނަށް ކޮންޓެކްޓުވެފައިވާ 41 ކޮންޓެކްޓެއް ފާހަގަކުރެވިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

“އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުން އެބޭފުޅާ ހުރި ތަނުގެ ޑައިރެކްޓް ކޮންޓެކްޓަށް ވާތީ ‘އިޓްސް މޯސްޓް ލައިކްލީ’ އެއީ އެމްއެންޑީއެފްގެ ބޭފުޅުންނަށް ވުން،” ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިވަގުތު ރާއްޖޭގެ ހާލަތުވެސް އޮތް ގޮތުން ސިފައިން މަސައްކަތް ކުރަމުން އަންނަނީ ފްރަންޓުލައިންގައި ކަމަށެވެ. އެހެންކަމުން އަދިވެސް އިތުރު ކޮންޓެކްޓުން ފާހަގަކުރެވުމަކީ އެކަށީގެންވާ ކަމަށާއި ކޮންޓެކްޓުން ގިނަވެދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ސިފައިންގެ މީހާއަކީ ރޭގައި ޕޮޒިޓިވްވި މީހެކެވެ. އޭނާއަކީ ކޭސް ނަންބަރު 69އެވެ. އެއީ ރޭ މި ބައްޔަށް ޕޮޒިޓިވްވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިއުލާން ކުރި ބަންގްލަދޭޝް މީހާއާ ދިވެހި މީހާގެ ތެރެއިން އައި ކޭސްއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.