ކެނެޑާގައި ދިން ބަޑީގެ ހަމަލާ ރާއްޖެއިން ކުއްވެރިކޮށްފި

ކެނެޑާގައި ދިން ބަޑީގެ ހަމަލާގައި ފުލުހުން ހަރަކާތްތެރިވަނީ- ފޮޓޯ: ގެޓީ އިމޭޖެސް

ކެނެޑާގެ ނޯވާ ސްކޯޝިއާގައި މީހަކު ބަޑިން ހަމަލާދީ ކުށެއް ނެތް އާއްމުންގެ ގިނަ ބަޔަކު މަރާލުމާ ގުޅިގެން އެޤައުމުގެ ޚާރިޖީ ވަޒީރު ފްރަންސްވާ-ފިލިޕް ޝެމްޕޭންއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދު އިއްޔެ ކެނެޑާގެ ފޮރިން މިނިސްޓަރަށް ފޮނުއްވައި މެސެޖްގައި ވިދާޅުވީ ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި މި ހަމަލާގެ އަޑު އެއްސެވީ ކުއްލި ހައިރާންކަމާ، ފުން ހިތާމަޔާއެކުގައި ކަމަށެވެ. އަދި ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ރައްޔިތުންނާ، ސަރުކާރާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރ ޝާހިދުގެ މެސެޖްގައި ވިދާޅުވިއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ކެނެޑާގައި ދެވުނު މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ. މިހަމަލާގައި ފުލުހުންގެ ޔުނިފޯމެއް ލައިގެން ހުރި މީހަކު ނޯވާ ސްކޯޝިއާގެ އެކި ސަރަހައްދުތަކުގައި ކާރުގައި ދަތުރުކޮށް ބަޑިން ހަމަލާ ދީފައިވޭ، އަދި ބައެއް ގެތަކުގައި ރޯކޮށްލާފައިވެއެވެ.
މިހަމަލާތަކުގައި 18 މީހަކު މަރުވެފައިވާއިރު، މީގެ ތެރޭގައި ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސްގެ އަންހެން އޮފިސަރަކު ހިމެނެއެވެ. ރޯކޮށްލާފައިވާ ތަންތަނުގެ ތެރޭގައި މަރުވެފައި އިތުރު ބަޔަކު ތިބުން އެކަށީގެންވާކަމަށް ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް އިން ވަނީ ބުނެފައެވެ. ހޮނިހިރު ދުވަހު ދޭން ފެށި ހަމަލާތައް 12 ގަޑިއިރަށް ދިގު ދެމިގެން ދިޔައެވެ. އަދި ފުލުހުންނާ، ހަމަލާދިން މީހާޔާ ދެމެދު ހިނގި ކުރިމަތިލުމުގައި ހަމަލާ ދިން މީހާ ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *