ދިވެހި އަސްކަރިއްޔާއަކީ ރައްޔިތުންނާއި ދައުލަތުގެ ދިފާއީ އައްޑަނަ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ދިފާއީ އައްޑަނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 128ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބެއްގައި މިއަދު ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ އަޒުމަކީ، ސިފައިންގެ އެންމެ ފަހު މީހާގެ، އެންމެ ފަހު ނޭވާއާ ޖެހެންދެންވެސް، ޤައުމުގެ ޙައްޤުގައި ޤުރްބާންވުން ކަމަށެވެ. މިއަހަރުގެ ސިފައިންގެ ދުވަސް އަޅުގަނޑުމެން މިފާހަގަކުރަނީ، ހަމައެފަދަ ވަރުގަދަ ޢަޒުމެއްގައި، ޤައުމީ ވަރަށް މުހިންމު މަސައްކަތެއްގައި، ދިވެހި ސިފައިން ޚިދުމަތް ކުރަމުން އަންނަ ދުވަސްވަރެއްގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“އާދެ، މުޅި ދުނިޔެއަށް ފެތުރި، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކަލުން، ދިވެހި ޤައުމު ރައްކާތެރިކުރުމަށް މި ކުރާ ޤައުމީ މަސައްކަތުގައި، ދިވެހި ސިފައިން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު ދައުރެއް. މި ނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް، ދިވެހި ސިފައިން ނުކުމެ އެތިބީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ވަރުގަދަ ޢަޒުމުގައި،” ރައީސް ވިދާޅުވިއެވެ.

ދިވެހި ސިފައިން ޢަމަލާއި ބަހުން ސާބިތުކޮށްދެމުން އަންނަނީ، ސިފައިން މިއަހަރަށް ކަނޑައަޅާފައިވާ، “ސިފައިންގެ ހިތްވަރު – ޤައުމުގެ ސަލާމަތް” މި ޝިޢާރުގެ ތެދުކަން ކަމަށާއި އެކަމުން އެނގިގެން ދަނީ، ސިފައިންނަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއްކަން ކަމަށް ރައީސް ވިދާޅުވިއެވެ.

“ކޮވިޑް19 އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށް މިކުރާ މަސައްކަތުގައިވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ޤާބިލުކަމާއި، ޤައުމަށް ޚިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއްނެތި، ސާބިތުވެ ތިބޭކަން. އަދި މި ނާޒުކު ދަނޑިވަޅުގައި، ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން، އަޅުގަނޑު ފާހަގަކުރަނީ އުފަލާއި ޝުކުރުވެރިކަމާއެކުގައި،” ރައީސް ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރަކީ، ދިވެހި ޢަސްކަރިއްޔާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރި މަސައްކަތުގެ ފޮނި ނަތީޖާ ފެނިގެންދިޔަ އަހަރެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ ޢާންމު ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާމެދު އޮންނަ އިތުބާރާއި ޔަޤީންކަން ބޮޑުވެ، ސިފައިންގެ ޤައުމީ ޚިދުމަތް އިތުރަށް ފުޅާކުރެވި، ތަރުތީބު ކުރެވުނު އަހަރެއް ކަމަށެވެ. އެއީ، ވޭތުވެދިޔަ އަހަރުގެ ތެރޭ، ސިފައިންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ދިވެހި ޢަސްކަރިއްޔާގެ ޙަޔާތުން ފާއިތުވެގެން މިދިޔަ އަހަރަކީވެސް، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، އަގުނުކުރެވޭހާ މުހިންމު މަސައްކަތްތަކެއް، ދިވެހި ސިފައިން ކޮށްފައިވާ އަހަރެއް. ޚާއްޞަ ގޮތެއްގައި، މިދިޔަ އަހަރުގެ އަޟްޙާ ޢީދު ބަންދު ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައާއި، ހދ. ނޮޅިވަރަންފަރު ލޯންޗު ބަންޑުން ޖަހާލި ހާދިސާއާއި، މާލޭގެ އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި، މާލޭގެ ހުޅަނގު ދެކުނު ބަނދަރުގައި ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށްދިނުމަށް، ދިވެހި ސިފައިން ކޮށްދިން މަސައްކަތް ފާހަގަކޮށް، އެކަންކަމުގައި އެކި ފެންވަރުގައި އެކި ގޮތްގޮތުން ބައިވެރިވި ސިފައިންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،” ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ ދުވަސް ފާހަގަކުރާއިރު، ސިފައިންގެ ކޮންމެ މީހެއްގެ ހަނދާނުގައި ތާއަބަދު ހަރުލާފައި ހުންނަންޖެހޭނެ ކަމަކީ، ސިފައިންނަކީ، ދިވެހި ރައްޔިތުންގެ އުންމީދާއި މަޞްލަޙަތު، އެބަޔަކާ އެންމެ ބޮޑަށް ގުޅިފައިވާ މީހުންކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ފަޚުރާއި ޝަރަފަކީ، ޤައުމާއި ރައްޔިތުން ދިފާޢުކުރުމަށް، ސިފައިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ސާބިތުކަމާއި ވަރުގަދަ ޢަޒުމްކަން ކަމަށްވެ ރައީސް ވިދާޅުވިއެވެ.

މި ފުރުޞަތުގައި، ދިވެހި ޢަސްކަރިއްޔާ ޒަމާނީކޮށް، ސިފައިންގެ ޤާބިލުކަން އިތުރުކޮށް، އަދި ވީހާވެސް ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ވެށްޓެއް ޤާއިމްކުރުމަށް، ސަރުކާރުން އެކަށައަޅާފައިވާ ތަޞައްވުރު، ޙަޤީޤަތަކަށް ހެއްދެވުމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅާއި، އެކަމަނާގެ ހިންގުންތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަން. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން، ހުރިހާ ސިފައިން ޝާމިލްވާ ގޮތަށް ގަތާލެވިފައިވާ ދިވެހި ޢަސްކަރިއްޔާގެ ބަދަހި ސަފުތައް ހޯދަމުންދާ ކުރިއެރުން ފާހަގަކޮށް، ތަހުނިޔާ ދަންނަވަން.

ހިޔާލު ދެއްވާ!

Your email address will not be published.