މިއަދު ޕޮޒިޓިވްވި 80 އަހަރުގެ މީހަކު އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 80 އަހަރުގެ މީހެއް އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

މި މީހާއަކީ ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. މިއީ މިހާތަނަށް ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން އުމުރުން އެންމެ ދުވަސްވީ އެކަކެވެ. މީގެކުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ 60 އަހަރުގެ މީހެއް ބަލި ޖެހިފައިވާ ކަމަށް ބުނެފައެވެ. އެޗްޕީއޭ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދު ބަލި ޖެހުނު މީހުންގެ ތެރެއިން ކޭސް ނަންބަރު 81 އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މާލެއިން މިއަދު އެކަނިވެސް ކޮވިޑް19 އަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 5 ބަންގްލަދޭޝް މީހުންނެވެ. މިއާއި އެކު މާލެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 62 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

މި 13 މީހުންނާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް ޖުމްލަ 82 އަށް ވަނީ އަރާފައެވެ. މާލެ އިން މިބަލި އެންމެ ފުރަތަމަ ފެނުނީ މިދިޔަ ބުދަ ދުވަހުއެވެ. އެއާއިއެކު މާލޭގައި މިބަލި އަންނަނީ ފެތުރެމުންނެވެ. އެގޮތުން މިބަލި ގިނަ އަދަދެއްގެ ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނަށް ވަނީ ޖެހިފައެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދު 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން ވެސް ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *