ރައްޔިތުންގެ ސަލާމަތަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ސިފައިން ވާނެ: ޗީފް އޮފް ޑިފެންސް

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: ފޮޓޯ / މިހާރު

ކޯވިޑް-19އިން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ދިވެހި ސިފައިން ވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދެއްވައިފިއެވެ.

ސިފައިންގެ 128ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވީ ސިފައިންގެ އަހަރީ ދުވަސް މިއަދު ފާހަގަކުރަން ޖެހިފައިވަނީ ވަރަށް ހިތާމަވެރި ވަގުތެއްގައި ކަމަށެވެ. އަދި މި ދަނޑިވަޅުގައި ދިވެހި ސިފައިން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވަމުން އަންނަކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ އާއިލާ ތަކާއި ދުރުގައި ގައުމާއި ރައްޔިތުންނަށްޓަކައި ސިފައިން ކުރަމުންދަނީ ފާހަގަކޮށްލެވޭ ވަރުގެ މަސައްކަތްތަކެއް ކަމަށެވެ. ކޮވިޑް19 އިން ރައްޔިތުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ ނުރައްކާބޮޑު ނުވަތަ "ރިސްކު" ބޮޑު މަސައްކަތްތަކުގައި ވެސް ސިފައިން ހަރަކާތްތެރި ވަމުންދާކަން ޗީފް ވަނީ ފާހަގަކުރައްވާފައެވެ.

"ވަކިން ހާއްސަކޮށް ބަލިމީހުންގެ ޓްރާންސްޕޯޓް ކުރުމުގައްޔާއި ފެސިލިޓީތައް މެނޭޖު ކުރުމުގައްޔާއި ފެސިލިޓީތައް ތައްޔާރު ކުރުމަށާއި މިކަހަލަ އެތައް މަސައްކަތެއްގައި ސިފައިން ދަނީ ހަރަކާތްތެރިވަމުން،" ޝަމާލް ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892ވަނަ އަހަރުގެ އޭޕްރިލް ވަނަ އަހަރުގެ 21ވަނަ ދުވަހުއެވެ. މިއަހަރުގެ ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން ޖެހިފައި މިވަނީ ކޮވިޑް19 ރާއްޖެއަށް ކުރިމަތިވެ އެކަމާއި ހަނގުރާމަ ކުރަމުން އަންނަމުންދާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *