ހުއްދަ ނެތި މަގުމަތީ އުޅުނު 68 މީހަކު ޖޫރިމަނާކޮށްފި

މާލޭގައި ކޮވިޑް19 އާ ގުޅިގެން ކާފިއު ހިންގި ވަގުތު މަގުތަކަށް ނިކުމެ އުޅުނު މީހުންނާއި ފުލުހުންތަކެއް ސުވާލުކުރަނީ: ފޮޓޯ / ޕޮލިސް

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮއްވައި ހުއްދަ ނެތި މަގުމަތީގައި އުޅުނު ގިނަ އަދަދެއްގެ ބަޔަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ މާލޭ ސަރަހައްދުގެ މަގުތަކަށް ފުލުހުންގެ ހުއްދައާ ނުލައި ނުކުމެ އުޅުނު 68 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ރޭ ނޭޝަނަލް އިމަޖެންސީ ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް، ފުލުހުންނާއި ހަވާލާދީ ވިދާޅުވީ އޭގެ ކުރީ ދުވަހު ހުއްދަ ނެތި މަގުތަކަށް ނިކުމެ އުޅުނު 95 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. މިގޮތަށް ޖޫރިމަނާ ކުރާ ކޮންމެ މީހަކު 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

މި މަހުގެ 19ވަނަ ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ފުލުސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް ވިދާޅުވީ މިދިއަ ހުކުރު ދުވަހުގެ ރެއިން ފެށިގެން މި އޮތް ލޮކްޑައުން ކާފިއުއާ ހިލާފުވާ މީހުނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދިން ނަމަވެސް ހާލަތަށް ބަލައި ގިނަ ބައަކަށް ފުލުހުން ދެމުން ގެންދިޔައީ ނަސޭހަތާއި އިންޒާރެއް ކަމަށެވެ.

މާލެއިން ކޮވިޑް19 އަށް މީހުންތަކެއް ޕޮޒިޓިވް ވަމުންދާތީ ސަރުކާރުން ވަނީ 14 ދުވަހުގެ މުއްދަތަކަށް މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ. ކޮވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް ބޭނުންވާ ކަމަށް ފުލުހުން ވަނީ އެދިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.