މިއަދު ޕޮޒިޓިވި މީހުންގެ ތެރޭގައި އެއްވެސް އަލާމާތެއް ނުފެންނަ މީހުން އެބަތިބި: އެޗްޕީއޭ

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވާހަކަދައްކަވަނީ: ފޮޓޯ / ރައީީސް އޮފީސް

ކޮވިޑް19 އަށް މިއަދު މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ މީހުން ވެސް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިއަދު މާލެއިން ޕޮޒިޓިވްވި މީހުންނާއި އޭގެކުރިންވެސް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެެއިން ބައެއް މީހުން އަލާމާތްތައް ނުފެނި ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެރޭގައި އެއްގޮތަކަށް ވެސް އަލާމާތްތައް ނުފެންނަ މީހުންނާއި ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން އަވަހަށް ބަލި މީހުން ދެނެގަނެވުނީމަ ފަހުން އަލާމާތްތައް ފެނިފައިވާ މީހުންވެސް އެބަތިބި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެބަތިބި އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ތެރޭގައި އަލާމާތްތައް ނެތި ގިނަ މީހުން ފެންނަނީ ކުރީ ކޮޅުގައި އެމީހުން އެކްސްޕޯސްވާތާ ކުރީ ކޮޅުގައި އަވަހަށް އަޅުގަނޑުމެންނަށް ދެނެގަނެވުނީމަ އަޅުގަނޑުމެން މިކިޔާ ޕްރީ ސިމްޓޮމެޓިކް ކޭސް ނޫނީ އަލާމާތްތައް ފެނުމުގެ ކުރިން ޖަރާސީމު ހަށިގަނޑަށް ގޮސްފައި އެހެންނަމަވެސް އަލާމާތްތައް ފެނުމުގެ ކުރިން އަންނަ މުއްދަތުގެ ތެރޭގައި ޕޮޒިޓިވްވެފައި ތިބި މީހުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި އަލާމާތްތައް ފެންނަ މީހުން ކޮރޯނާ ވައިރަސް ޓެސްޓު ކުރެއެވެ. އަދި ކޮވިޑް19 އަށް ޓެސްޓު ކުރަނީ އޭގެފަހުންނެވެ. ޑރ. ނަޒްލާ ވިދާޅުވީ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި ދެ މީހެއްގެ ނަތީޖާ ފަހުން ނެގެޓިވްވުމުން އެމީހުން ޕޮޒިޓިވް ވެދާނެ ކަމަށް ޗާންސް ބޮޑުވެދާނެ ކަމަށް ބަލާފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އިއުލާން ކޮށްފައިވާ ކޭސްތަކަކީ ކޮވިޑް19 އަށް ޔަގީނުންވެސް ޕޮޒިޓިވްވެފައިވާ ކޭސްތައް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 4201 މީހަކު ކޮވިޑް19 އަށް ސާމްޕަލް ނަގާފައިވާއިރު 3860 މީހުންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. މިހާތަނަށް 67 މީހަކު ކޮވިޑް19 ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް ސާމްޕަލް ނެގި މީހުންގެ ތެރެއިން 344 މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *