އިތުރަށް ބަލި ފެތުރޭނަމަ އެޑްމިޓު ކޮށްގެން ބަލި މީހުންނަށް ފަރުވާ ދޭން ޖެހިދާނެ

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގައި މިހާރު ކޮވިޑް19 މި ފެތުރެމުންދާ މިންވަރަށް އިތުރަށް ބަލި ފެތުރޭ ކަމަށްވާ ނަމަ ބަލި މީހުންނަށް އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހިދާނެ ކަމަށް ޓެކްނިކަލް އެޑްވައިރީ ޓީމް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފާއި ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ނޭޝަނަލް އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ މިހާރު ރާއްޖޭގައި ކޮވިޑް19 ފުދޭ ވަރަކަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ. މިހާރު މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ ކޮވިޑް19 އަށް މީހުން ޕޮޒިޓިވްވާ އަދަދު މަދުވި ނަމަވެސް މުސްތަގުބަލުގައި އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ އަދި ދެމުންދާ އިރުޝާދުތަކަށް އާއްމުން ބޯނުލަނބާ ކަމަށްވާ ނަމަ އިތުރު ކޭސްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. އަލީ ލަތީފް ފާހަގަކުރެއްވިއެވެ. އަލީ ލަތީފް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހާލު ބޮޑުވެދާނެ ކަމަށް ލަފާ ކުރެވޭ މީހަކު ނެތް ކަމަށެވެ. އަދި އެފަދައިން ހާއްސަ ފަރުވާއެއް އެއްވެސް މީހަކަށް އަދި ދޭން ޖެހިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންނަމަވެސް މި ނަންބަރުތައް ގިނަވާ ކަމަށްވަންޏާ އިތުރަށް ބަލި ބޮޑުވެ އަޅުގަނޑުމެން އެމީހުން އެޑްމިޓުކޮށްގެން ހާއްސަ ފަރުވާ ދޭންޖެހޭ ހިސާބަށް ގޮސްދާނެ. މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ކޮންޓެކްޓްސްތައް ގިނަކަމުން. ކޮންޓެކްޓުސްތައް ގިނަވީމަ މިވާ ގޮތަކީ އަޅުގަނޑުމެން އެމީހުންގެ ޓެސްޓުތައް ހަދާ އެމީހުން ނަގައިގެން ވަކި ތަންތަނަށް ގެންދިއުމުގެ ދަތިކަމެއް އެބަ އާދޭ،" ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.

ޑރ. އަލީ ލަތީފު ވިދާޅުވީ މިފަދަ ހާލަތެއްގައި ތެދު މައުލޫމާތު ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެއީ ކޮންޓެކްޓުވާ މީހުންނާއި ބަލި ޖެހޭ މީހުންވެސް ހިމަނައިގެން ކަމަށާއި އަދި ރައްޔިތުންނަށް ތެދު މައުލޫމާތު ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކުން ވެސް ފޯރު ކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. ފާހަގަކުރެއްވިއެވެ.

މިހާތަނަށް ރާއްޖެއިން 4201 މީހަކު ކޮވިޑް19 އަށް ސާމްޕަލް ނަގާފައިވާއިރު 3860 މީހުންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. މިހާތަނަށް 67 މީހަކު ކޮވިޑް19 ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް ސާމްޕަލް ނެގި މީހުންގެ ތެރެއިން 344 މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.