ލިލީ ފިހާރައާ އިހުސާން ފިހާރައަށް ދިޔަ މީހުން ހޯދަނީ

ބާޒާރު މަތީގައި ހުންނަ ލިލީ ފިހާރަ --

ކޮވިޑް19 އާ ގުޅިގެން ބާޒާރު މަތީގައި ހުންނަ ލިލީ ފިހާރައާ މާފަންނު އިހުސާން ފިހާރައަށް ދިޔަ މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިއަދު މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މި ބަލި މީގެ ކުރިން ޖެހިފައިވާ މީހުންނާއި ކޮންޓެކްޓު ވެފައިވާ މީހުން އެބަތިބި ކަމަށެވެ. އެގޮތުން މިއަދު މެންދުރު ފަހު ފަހުން އިއުލާންކުރި ކޭސްތަކުގެ ތެރެއިން 61 ނަންބަރު ކޭސް އަކީ ކޭސް ނަންބަރު 36 އާ ގުޅުންހުރި ކޮންޓެކްޓެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ކޭސް ނަންބަރު 62 އާއި 63 އަދި 64 އަކީ ކޭސް ނަންބަރު 28 އާ ކޮންޓެކްޓްވެފައި ހުރި ކޭސްތަކެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން ކޭސް ނަންބަރު 65 އާ 66 އަދި 67 އަކީ ކޭސް ނަންބަރު 29 އާ ގުޅުން ހުރި މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ކޭސް ނަންބަރު 55 އަކީ ބާޒަރު މަތީގައި ހުންނަ ލިލީގެ މުވައްޒަފެއް ކަމަށާއި އޭނާއަކީ ޑެލިވަރީގައި އުޅުނު މީހެއް ކަމަށެވެ. މީގެ އިތުރުން މާފަންނުގައި ހުންނަ އިހުސާން ފިހާރައިގެ ދެ މުވައްޒަފަކު ހިމެނޭތީ މި މަހުގެ 15ވަނަ ދުވަހުން ފެށިގެން 17ވަނަ ދުވަހަށް މާފަންނު އިހުސާން ފިހާރައަށް ގޮސްފައިވާ މީހުން އެޗްޕީއޭ އަށް އަންގައި ދެއްވުން އެދޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިއީ އިހްސާން ފިހާރައާއި ގުޅިފައިވާ ކޭސް. މި ކޭސްތަކާއި ގުޅިގެން އަޅުގަނޑުމެން ހޯދި މަޢުލޫމާތު ތަކުން އެނގުނު ގޮތުގައި މި މީހުން މަސައްކަތް ކުރަނީ ޑެލިވަރީގަ. އަދި މާފަންނު އިހުސާނން ފިހާރައިގައިވެސް މަސައްކަތް ކޮށްފައިވޭ. އެހެންކަމުން 15، 16 އަދި 17 ވަނަ ދުވަހު މާފަންނު އިހުސާން ފިހާރައަށް ދިޔަ މީހުން އަޅުގަނޑުމެންނަށް އަންގާލަދެއްވުން އެދެން." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް19 މާލެއިން ފެނިފައިވުމާއި ގުޅިގެން، މާލެ ސިޓީ ލޮކްޑައުން ކުރުމާއި އެކު މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 4201 މީހަކު ކޮވިޑް19 އަށް ސާމްޕަލް ނަގާފައިވާއިރު 3860 މީހުންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. މިހާތަނަށް 67 މީހަކު ކޮވިޑް19 ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް ސާމްޕަލް ނެގި މީހުންގެ ތެރެއިން 344 މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.