އިތުރު 8 މީހަކު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދާފައި: ފޮޓޯ / ހަތާވީސް

ނުރައްކާތެރި ކޮވިޑް19 އަށް މާލެއިން އިތުރު 8 މީހަކު މާލެއިން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މާލެއިން 6 ދިވެއްސަކާއި 2 ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެތެރެއިން ބިދޭސީ ދެ މީހުންނަކީ ބަންގްލަދޭޝް މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިއާއި އެކުގައި މާލެއިން އެކަނި މި ބައްޔަށް 40 މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ. އެޗްޕީއޭ އިން ބުނީ މިއަދު މާލެއިން ޕޮޒިޓިވްވި މީހުންނާއި މީގެކުރިން މާލެއިން ޕޮޒިޓިވްވި މީހުންނާއި ގުޅުމެއް ވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިއްޔެވެސް މާލެއިން ވަނީ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ޕޮޒިޓިވްވެފައެވެ. އެއީ މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް އެހާ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ އެކަނި މުޅި ރާއްޖެއިން 17 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

މާލެ ސިޓީގެ އިތުރުން އިއްޔެ ކޮވިޑް19 އަށް ވަނީ ހއ. އުލިގަމުން ވެސް ވަނީ ދިވެއްސަކު ޕޮޒިޓިވްވެފައެވެ. އެމީހާއާ 131 މީހަކު ކޮންޓެކްޓުވެފައިވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 60އަށް އަރާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.