މި ހައްސާސް ވަގުތުގައި ވެސް އިންޑިއާ އޮންނާނީ ރާއްޖެއާ އެކު: މޯދީ

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --

ކޮވިޑް19 މުޅި ދުނިޔެއަށް ފެތުރިފައިވާ މި ހައްސާސް ވަގުތުގައި ވެސް އިންޑިއާ އޮންނާނީ ރާއްޖެއާ އެކުގައި ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެބޭފުޅުން ފޯނުން ގުޅުއްވާ ދެއްކެވި ވާހަފުޅުތަކަށްފަހު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ އަދި ސިއްހީ ކަންކަމާއި ގުޅިގެން ރައީސް ސޯލިހާއި އެކުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މޯދީ ވިދާޅުވީ ކޮވިޑް19 ގެ ނުރައްކާތެރިކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން ދާނީ ރާއްޖެއާ އެކުގައި ކަމަށެވެ. އަދި މިފަދަ ހައްސާސް ވަގުތުގައިވެސް ރާއްޖެއާއި އެކުގައި އިންޑިއާ އޮންނާނެ ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

ކޮވިޑް19 އާ ގުޅިގެން އިންޑިއާއިން ވަނީ ގިނަ އެހީތަކެއް ރާއްޖެ މިހާރުވެސް ވެދީފައެވެ. އެގޮތުން ކޮވިޑް19 އަށް ފަރުވާ ކުރުމަށް އިންޑިއާއިން ބޭނުން ކުރަމުން އަންނަ ބޭސްތައް އެގައުމުން އެކްސްޕޯޓު ކުރުން މަނާ ކޮށްފައިވާއިރުވެސް ރާއްޖެއަށް އެ ބޭސްތައް ގެނެސް ދިނުމާއި އަދި ސަރުކާރުގެ ކުންފުނި އެސްޓީއޯ އިން އިންޑިއާގެ އެކި ބޭސް ކުންފުނިތަކުން ގަނެފައިވާ ބޭސްތައް ރާއްޖެ ގެނެސް ދިނުމުގައިވެސް އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެއިތުރުން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކޮށްދިނުމަށް ވެސް އިންޑިއާއިން އަންނަނީ ގިނަގުނަ އެހީތެރިކަމެއް ވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.