ސިއްހީ ހިދުމަތްތެރިންނަށް ފުރައްސާރަ ކުރަމުންދާ ކަމަށް ހެލްތު ޔޫނިއަން އިން ބުނެފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނަށް ފުރައްސާރަ ކުރަމުންދާ ކަމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ގޭގެ ވެރިފަރާތުން ބައެއް ސިއްހީ ހިދުމަތްތެރިން ގެއިން ނުކުތުމަށް އަންގަމުން އަންނަ ކަމަށެވެ. މީގެއިތުރުން ސިއްހީ ހިދުމަތްތެރިން ވަޒީފާއަށް ނުދިއުމަށް އަންގަމުންދާ ކަމަށާއި ރަނގަޅީ ވެސް ވަޒީފާއަށް ނުދިއުން ކަމަށް ބުނަމުން އަންނަ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ، އެ ކަންކަމުން އެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާނެ ކަމަށެވެ. ރާއްޖޭގެ ސިއްހީ ދާއިރާގެ ބޮޑު ޕަސެންޓެއް މިހާރު އިސްކަންދެނީ މުޅި ގައުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކޮވިޑް19 އިން ދިވެހިން ސަލާމަތްކޮށް، އެ ވައިރަސް ފެތުރުނަ ނުދިނުމަށް ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

"ރާއްޖެ އަށް ކޮވިޑް19 ބިރުވެރިކަން ފެތުރިފައިވާ މި ވަގުތު އެންމެ ބޮޑު ގުރުބާނީއެއް ވަމުން އަންނަ އެއް ބަޔަކީ ސިއްހީ ހިދުމަތްތެރިން. އާއިލާ އާއި ގާތްތިމާގެ މީހުންނާ ވަކިން ގިނަ ވަގުތު އެ މީހުން މިހާރު ގިނައިން އުޅެން ޖެހިފައި ވަނީ ކޮވިޑް19 ވައިރަހުން އާންމު ރައްޔިތުން ސަލާމަތް ކޮށްދިނުމުގެ ބުރަ މަސައްކަތުގައި،" އެ ޖަމިއްޔާއިން ބުންޏެވެ.

އެމްއެޗްޕީޔޫ އިން ބުނީ މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި، ސިއްހީ ހިދުމަތްތެރިން އެތަކެއް ގުރުބާނީއެއް ވަމުންދާއިރު، މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަަށަވަރުކޮށް ދިނުމަށް އެ ޔޫނިއަން އިން ވަނީ ގޮވާލައިފަ އެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.