ގަވާއިދާ ހިލާފަށް އުޅޭ 70 މީހަކު ބަންގްލަދޭޝް މަނަވަރުގައި އެ އެގައުމަށް ފޮނުވާލަނީ

ބިދޭސީންތަކެއް-

ބަންގްލަދޭޝްްގައި ތިބި ދިވެހިން ގޮވައިގެން މާދަމާ ރާއްޖެ އަންނަ އެ ގައުމުގެ އަސްކަރިއްޔާގެ މަތިންދާބޯޓު ފުރާނީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ 70 މީހަކާ އެކު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް މާދަމާ އަންނަ ބަންގްލަދޭޝް މަނަވަރު އެނބުރި އެގައުމަށް ފުރާނީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ 70 ބިދޭސީއަކު ގޮވައިގެން ކަމަށެވެ. އަދި އެކަން އިންތިޒާމް ކޮށްދެއްވި ކަމަށްޓަކައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް، މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މާދަމާ ރާއްޖެ އަންނަ އެ ބޯޓުގައި ބަންގްލަދޭޝްގައި ތިބި 51 ދިވެހިންނާއި ނޭޕާލުގައި ތިބި 18 ދިވެހިން ރާއްޖެ އަންނާނެ އެވެ. އަދި ކޮވިޑް-19 ގެ ކަންކަމުގައި ރާއްޖެ އަށް އެހީވުމަށް ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ވެސް އެ ބޯޓުން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 70 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލާއިރު މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ތިބި ބަންގްލަދޭޝްއަށް ނިސްބަތްވާ ބިދޭސީންގެ ތެރެއިން ބަޔަކު ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ބަންގްލަދޭޝްއަށް ބަންގްލަދޭޝީ ރައްޔިތުންގެ ތެރެއިން ބަޔަކު ފޮނުވުމަށް އެމީހުން ޑޮކިއުމަންޓްސް ހަމަކުރުމުގެ މަސައްކަތް އެބަކުރެވޭ،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ތިބި ބަންގްލަދޭޝްގެ މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވެގެން 800 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *