މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީ މީހާ މަރުވެއްޖެ

މަރުވި ބަންގްލަދޭޝް މީހާ މަގުމައްޗަށް ވެއްޓިފައި --

މަގުމައްޗަށް ވެއްޓިފައި އޮތް ބަންގްލަދޭޝް މީހަކު ސެނަހިޔާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައިކަން ކަށަވަރުވެއްޖެއެވެ.

ފުލުހުން ބުނީ މިރޭ 20:31 ހާއިރު މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް ބިދޭސީއަކު މަގުމައްޗަށް ވެއްޓިފައިވާތަން ފެނިފައިވާ ކަމަށެވެ. އެމީހާ ވެއްޓިފައި ވަނީ އަސަރީ ގޯޅި އާއި މަޖީދީ މަގާއި ގުޅޭ ހިސާބުންނެވެ. ނަމަވެސް އެމީހާ ވެއްޓިފައި އޮތީ ކިހިނެއް ވެގެން ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ މަގުމައްޗަށް ވެއްޓިފައި އޮތީ 50 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އަދި އޭނާ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ސެނަހިޔާ އިން ވަނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ބުނެފައެވެ. އެމީހާ މަރުވީ ސީދާ ކޮން ސަބަބަކާއި ހެދި ކަމެއް އެ ހޮސްޕިޓަލަކުން ވެސް ނުބުނެއެވެ. އެމީހާ މަރުވެފައި މިވަނީ މާލެއިން މިއަދު 16 ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ދަނޑިވަޅެއްގައެވެ. ދާދިފަހުންވެސް މާލޭގެ ގެއެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.