ރަނގަޅަށް މަސައްކަތް ނުކުރެވޭނަމަ އަތުނުވާ ހިސާބަށް ހިނގައިދާނެ: މަބްރޫކް

ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް/ ފޮޓޯ- ހަތާވީސް

ކޮވިޑް19 އިން ރައްކާތެރިވުމަށް ރަނގަޅަށް މަސައްކަތް ނުކޮށްފި ނަމަ ރާއްޖެ އަތުނުވާ ހިސާބަށް ހިނގައިދާނެ ކަމަށް ސަރުކާރުން ކޮވިޑް19 އަށް ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ކަންކަން ފަސޭހަ ކޮށްލައިފި ނަމަ ރާއްޖެ އަތުނުވާ ހިސާބަށްވެސް ހިނގައިދާނެ ކަމަށެވެ. ނަމަވެސް އުއްމީދަކީ މިހާރު ރާއްޖެއިން ކޮވިޑް19 ފެންނަމުން މިދާ ލެވަލް އަށްވުރެ ދަށްކޮށް މުޅިން އެއްކޮށް ކޮވިޑް19 ރާއްޖެއިން ނައްތާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މި ހާލަތަކީ ގިނަ ބަޔަކަށް ވަރަށް ހިތްދަތި އަދި ކަންބޮޑުކަމާއި ހާސްކަން ގެނުވިފައިވާ ހާލަތެއް ކަމަށެވެ. ހާއްސަކޮށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި އެ މީހުންގެ އާއިލާތައް މިއީ ހައްސާސް ވަގުތުކޮޅެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ ކޭސްތަކުގެ ފޮޓޯ، ނޫނީ ކޭސް ކަމަށް ހީވާ މީހާގެ ފޮޓޯ އާއްމު ކުރާތަން. އެބަހުރި ބަލި ނުޖެހޭ މީހެއްގެ ފޮޓޯވެސް މިގޮތަށް އާއްމުކޮށްފައި. ބަލިޖެހޭ މީހުންގެވެސް ފޮޓޯ އާއްމު ކުރުމަކީ، އަދި އެހެނިހެން ޒާތީ މައުލޫމާތު ހާމަ ކުރުމަކީ، ރަނގަޅު ނޫން ކަމެއް ކަމަށް އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވައިފިން. އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ގަވާއިދެއް ހަދައިގެން އޭގެ ދަށުން އަޅުގަނޑުމެންނަށްވެސް ބަލި މީހާގެ މައުލޫމާތު ހާމަކުރެވޭނީ. އެގޮތަށް ހާމަކުރުމުގެ ބާރު ލިބިވަޑައިގަންނަވަނީ ޕަބްލިކް ހެލްތްގެ ޑިރެކްޓަރު ޖެނެރަލަށް. އެހެން މީހުން އެކަން ކޮށްފިއްޔާ އެމީހަކު އެ ކުރަނީ ކުށެއް. އަޅުގަނޑުމެންނަށް އެކަން ފެންނަ ކަމަށްވަންޏާމު އަޅުގަނޑުމެން އެކަން ޕޮލިހަށް އަންގަމުން ދާނަން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިއަދު އެކަނިވެސް މުޅި ޖުމްލަ ރާއްޖެއިން މިހާތަނަށް 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި 16 މީހަކު ޕޮޒިޓިވްވީ މާލެއިންނެވެ. އަދި ދެން ހުރި މީހާ ޕޮޒިޓިވްވީ ހއ. އުލިގަމުންނެވެ. މާލެއިން ޕޮޒިޓިވްވީ 14 ބަންގްލަދޭޝް މީހުންނާއި ދެ އިންޑިއާ މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *