ބަލި ޖެހޭ މީހުންގެ ފޮޓޯ އާއްމު ކުރާނަމަ މައްސަލަ ޕޮލިހަށް ހުށަހަޅަނީ

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު --

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން ކަމަށްބުނެ މީހުންގެ ފޮޓޯ އާއްމު ކުރާ ފަރާތްތަކުގެ މައްސަލަތައް ފުލުހަށް ހުށަހަޅަން ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑޮކްޓަރު ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަލި ޖެހިފައިވާ މީހަކު މައުލޫމާތު ދިނުމަށް ދެކޮޅު ހަދާ ކަމަށް ވިދާޅުވެވުމުން އެވާހަކަ އެކި ގޮތް ގޮތަށް ސޯޝަލް މީޑިއާގައި ދެކެވެމުން ދިޔަ ކަމަށެވެ. އެގޮތުން އެމީހާގެ ކޭސް ނަންބަރުތައް ވެސް އޮޅުވާލައިގެން ބުނަމުން ދިޔަ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑު މިތަނުން ދެތުވެގެން ގޮސް ގޮނޑީގަ އިށިއިންނަން ވާއިރަށް، ހެޑްލައިންގަ އޮތީ، 21 ވަނަ ކޭސް އެއްބާރުލުން ނުދޭ ވާހަކަ، ނުވަތަ 27 ވަނަ ކޭސް އެއްބާރުލުން ނުދޭ ވާހަކަ. އަސްލު އަޅުގަނޑު ދެންނެވީ، 21 ވަނަ ކްލަސްޓާރ އާއި ގުޅުންހުރި ފަރާތެއްގެ ވާހަކަ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މި ހާލަތަކީ ގިނަ ބަޔަކަށް ވަރަށް ހިތްދަތި އަދި ކަންބޮޑުކަމާއި ހާސްކަން ގެނުވިފައިވާ ހާލަތެއް ކަމަށެވެ. ހާއްސަކޮށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި އެ މީހުންގެ އާއިލާތައް މިއީ ހައްސާސް ވަގުތުކޮޅެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ ކޭސްތަކުގެ ފޮޓޯ، ނޫނީ ކޭސް ކަމަށް ހީވާ މީހާގެ ފޮޓޯ އާއްމު ކުރާތަން. އެބަހުރި ބަލި ނުޖެހޭ މީހެއްގެ ފޮޓޯވެސް މިގޮތަށް އާއްމުކޮށްފައި. ބަލިޖެހޭ މީހުންގެވެސް ފޮޓޯ އާއްމު ކުރުމަކީ، އަދި އެހެނިހެން ޒާތީ މައުލޫމާތު ހާމަ ކުރުމަކީ، ރަނގަޅު ނޫން ކަމެއް ކަމަށް އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވައިފިން. އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ގަވާއިދެއް ހަދައިގެން އޭގެ ދަށުން އަޅުގަނޑުމެންނަށްވެސް ބަލި މީހާގެ މައުލޫމާތު ހާމަކުރެވޭނީ. އެގޮތަށް ހާމަކުރުމުގެ ބާރު ލިބިވަޑައިގަންނަވަނީ ޕަބްލިކް ހެލްތްގެ ޑިރެކްޓަރު ޖެނެރަލަށް. އެހެން މީހުން އެކަން ކޮށްފިއްޔާ އެމީހަކު އެ ކުރަނީ ކުށެއް. އަޅުގަނޑުމެންނަށް އެކަން ފެންނަ ކަމަށްވަންޏާމު އަޅުގަނޑުމެން އެކަން ޕޮލިހަށް އަންގަމުން ދާނަން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިއަދު އެކަނިވެސް މުޅި ޖުމްލަ ރާއްޖެއިން މިހާތަނަށް 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި 16 މީހަކު ޕޮޒިޓިވްވީ މާލެއިންނެވެ. އަދި ދެން ހުރި މީހާ ޕޮޒިޓިވްވީ ހއ. އުލިގަމުންނެވެ. މާލެއިން ޕޮޒިޓިވްވީ 14 ބަންގްލަދޭޝް މީހުންނާއި ދެ އިންޑިއާ މީހެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.