މައްޔިތުންގެ މޫނު ދެއްކުން އައިޖީއެމްއެޗުން މެދުކަނޑާލައިފި

އައިޖީއެމްއެޗް-

ތަފާތު އެކި ބަލިތަކުގައި އައިޖީއެމްއެޗުގައި މަރުވާ މީހުންގެ މޫނު ދެއްކުން އެ ހޮސްޕިޓަލުން މެދުކަނޑާލައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން މީގެ ކުރީގައި ނަމަ ގިނަ އަދަދެއްގެ ބަޔަކު މައްޔިތާގެ މޫނު ދެކިލުމަށް ހޮސްޕިޓަލަށް އަންނަ ކަމަށެވެ. އެހެންނަމަވެސް މިއަދު ރާއްޖޭގެ ހާލަތު އޮތް ގޮތުން އެކަން އެގޮތަށް ކުރަމުންދާ ނަމަ އެއީ ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލަށް ޖަމާވާ އާއްމުންނަށް ވެސް ކޮވިޑް19 ގެ ބަލި ފެތުރިދާނެ ކަމަކަށް ވެދާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނީ މިހާރުގެ މިހާލަތަށް ބަލާ މިވަގުތު މާލޭގައި ކޮވިޑާއި ގުޅިގެން ކޮމިއުނިޓީ ސްޕްރެޑް އޮތް ހާލަތެއްގައި މައްޔިތުންގެ މޫނު ދެއްކުމުގެ ގޮތުން ގިނަ މީހުން އެއްވެދާނެ ފަދަ ކަންކަން ބޭއްވުމަށް ހުއްދަ ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އެ ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން މައްޔިތާގެ މޫނު ދެކިލުމަށް ނުވަތަ އެ ނޫންވެސް ގޮތަކުން މައްޔިތާ ދެކިލުމަށް އެދޭ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީން ސަހަރާގައި އެ އިންތިޒާމުތައް ހަމަޖައްސާ ގޮތަކަށް އަމަލުކުރުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *